ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕޭނަށް ހަރަދު ކުރާނީ އެޕާޓީން ކަމަށާއި އެކަމަށް ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އިދިކޮޅު ކޯލިޝަނަށް ރައްދު ދެއްވައިފިއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކެމްޕޭން ކުރުމުގެ ގޮތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ތުހުމަތު ކުރުމާ ގުޅިގެނެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ހަރަދު ކުރާނީ އެމްޑީޕީ އިން ކަމަށާއި އެކަމަށް ސަރުކާރުން ހަރަދެއް ނުކުރާނެ ކަމަށެވެ.
"މި ޕާޓީގެ ހަރަކާތްތައް ހިންގާނީ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި، މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ބައެއް ދަތުރުފުޅުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލަން ވެސް ގޮވާލާފައިވެއެވެ.
މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުތަކަކާ ގުޅިގެން ދައުލަތުގެ ބައެއް ވަސީލަތްތަކާއި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރިއެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުތަކުގައި މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ބައެއް އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރި ކަމުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަތަކެއް ވަނީ ހުށަހަޅާފައެވެ. އަދި އެމައްސަލަތައް އޭސީސީން އަންނަނީ ބަލަމުންނެވެ.