ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވީ ނަމަވެސް، ތިމާވެށީގެ ގާނޫނުތަކާ ގަވައިދުތަކަށް ދިވެހި ސަރުކާރުން ފަރުވާލެއް ނުބަހައްޓާތާ ޒަމާންތަކެއް ވެފައި ވާކަމަށާ، ބިންތިރި ޖަޒީރާ ރަށްތަކަށް އެކަށީގެންވާ ތަރައްގީ ގެނެސްދިނުމުގައި އެ ރަށްތަކުގެ އާބާދީތަކުގެ ބޭނުންތަކަށް މާ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެމުން ނުދާކަމަށް ވިދާޅުވެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު)ގެ އެސޯޝިއޭޓް އޭޝިއާ ޑައިރެކްޓާ ޕެޓްރީޝާ ގޮސްމަން ދިވެހި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެޗްއާރްޑަބްލިއުއިން އާންމުކުރި ނޫސްބަޔާނެއްގައި ގޮސްމަން ވިދާޅުވީ، ބޭރުން އަންނަ ފަތުރުވެރިންނަށް އާންމުކޮށް ފެންނަމުންދަނީ ރާއްޖޭގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓްތައް ކަމަށާ، އާންމު ދިވެހި ރައްޔިތު މީހާ ދިރިއުޅޭ ރަށް ނޫންކަމަށެވެ.

އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި މަގުތައް ފެންބޮޑުވެފައި / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިހިނގާ ޑިސެމްބަރު މަހު ހދ ކުޅުދުއްފުއްޓަށް ދަތުރެއް ކުރެއްވި ކަމަށާ، އެ ދަތުރުގައި ކުރި ވިއްސާރާގައި ފެނިވަޑައިގަތީ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި މުޅި ރަށުގައި ފެންބޮޑުވެގެން ދިޔަ މަންޒަރުކަމަށް ގޮސްމަން ވަނީ ފާހަގަ ކުރައްވާފައެވެ. ފެންގަނޑު ބޮޑުވާން ފެށުމާއެކު ރަށުގެ ރަށްވެހިން ނިކުމެ، ގެތަކަށް ފެން ނުވާނެހެން ވަގުތީ އޮޅިގަނޑުތައް ޖަހަމުން ދިޔަ ކަމަށާ، ފެން ހިންދުމަށް އާނުގަނޑުތައްވެސް ކޮންނަމުން ދިޔައީ ރަށްވެހިން ކަމަށް ގޮސްމަން ވަނީ ވިދާޅުވެފައެވެ.

ރަށުގެ ރައްޔިތުންނާ ވާހަކަދައްކާލުމުން އެނގިވަޑައިގެންނެވި ކަމަކީ މިއީ މިހާރަކަށް އައިސް އާންމުކޮށް ހިނގާ ކަމެއް ކަމަށާ، ފާއިތުވީ އަހަރުތަކާ އަޅާ ބަލާއިރު، މިހާރަކަށް އައިސް މިފަދަ ހާދިސާތަކުގައި އާންމުން ދިރިއުޅޭ ގެތަކަށް އަސަރު ކުރާ މިންވަރުވެސް އިތުރުވެފައި ވާކަމަށެވެ. މީގެ ކުރިން ރަށުގެ އެއްގަމު ހިސާބުތަކަށް ހިމާޔަތް ލިބެމުންދިޔައީ ކުޅީގެ ސަބަބުން ކަމަށާ، ނަމަވެސް އެއާޕޯޓް އެޅުމުގެ މަޝްރޫއަށް ކުޅީގެ 70 ޕަސެންޓް ހިއްކާލުމުން، ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވާން ފެށީކަމަށް ކުޅުދުއްފުށީގެ ރައްޔިތުން ފާހަގަކުރި ކަމަށް ގޮސްމަންވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި އާއްމުންވެގެން ހޮޅުދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ޕޮލިސް

އީއައިއޭއެއް ހަދާފައި އޮތް ނަމަވެސް، ކުޅީގެ މައްޗަށް ދިރިއުޅުން ބަރޯސާ ކޮށްގެން ތިބި އެތައް ބަޔަކަށް ގެއްލުންވަމުންދާކަމަށެވެ. މިކަން ފާހަގަކުރައްވާ ގޮސްމަން ވިދާޅުވީ، އެކަމެއް ހިނގާދިޔާއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ކަމަށް ވީ ނަމަވެސް، ތިމާވެށި ހިމާޔަތް ކުރުމުގެ ބޮޑެތި ވައުދުތަކަކައިގެން އައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ގަސްތަށް ކެނޑުން ފަދަ ކަންކަން އަދިވެސް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ކަމަށެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގުފަހިކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ރާއްޖެ ޖާގަ ނުހޯދި ކަމުގައިވީ ނަމަވެސް، މި ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑު ގައުމުތަކުގެ އެންމެ ކުރީގައި ރާއްޖެ ހިމެނޭ ކަން ފާހަގަކުރައްވަމުން ގޮސްމަން ވިދާޅުވީ، ތިމާވެށީގެ ނާޖާއިޒު ފައިދާނަގައިގެން ހިންގާ ޖަރީމާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ލިބެމުންދާ ގެއްލުމުގެ ހެކިތަކަށް ރައީސް ސޯލިހުގެ ސަރުކާރަށް ފުރަގަސްދެވެން ނޯންނާނެކަމަށެވެ.

އިންސަނީ ހައްގުތަކަށް ވަކާލާތުކުރާ އެޗްއާރްޑަބްލިއުގެ އިސް އޮފިޝަލަކު މިފަދަ މޭރުމަކުން ދިވެހި ސާރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާ ކޮޕް25 ގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން އަޑުހަރުކޮށް ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.