ހުސްވެފައިވާ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 36 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކަށް އިންޓަވިއު ކުރުމަށްފަހު އެ މަގާމުތަކަށް އައްޔަން ކުރާނެ ބޭފުޅުން ޝޯޓުލިސްޓު ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓަށް ޅ. ކުރެންދޫ، މާތިލަ، އަލްއުސްތާޒު އާދަމް މުހައްމަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓަށް ދ. ކުޑަހުވަދޫ، ވައިޓްލައިޓު، އަލްއުސްތާޒާ ރިޒްމީނާއާ ތ. ވިލިފުށީ، ބަސަރާ، އަލްއުސްތާޒު އަހުމަދު އަބްދުލްމަތީނާއި ސ. މީދޫ، ހަސަންކާރީގެ، ފައްޔާޒު ޝާތިރު އަދި މއ. ޕެންޒީވިލާ، އަލްއުސްތާޒު އައިޝަތު އަޒްފާ އަބްދުލްގައްފޫރު އައްޔަންކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.