ކުރީ ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ތެރެއިން މި ކުޑަކުޑަ ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ބޮޑު ދަރަނި ދައްކާ ހަލާސްކުރުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގެ އިޝާރާތެއް، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރައްވައިފިއެވެ.

ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، ޗައިނާއަކީ ދީލަތި ޑޯނަރެއް ކަމަށާ، ނަމަވެސް ކުރީގެ ސަރުކާރުން ޗައިނާ އަތުން ލޯނު ނަގާފައިވަނީ އެ ފައިސާ އަނބުރާ ދައްކާނެ ހަރުދަނާ އުސޫލަކަށް ބެލުމެއް ނެތި ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރުޖި އެޅުމުގެ މަސައްކަތުގައި އުޅުނު މީހަކު މާލޭ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުއްޓިލައިގެން/ފޮޓޯ: ނިއްކޭ އޭޝަން ރިވިއު

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ރޮނގުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ސީދާ ލޯނުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުގެ ގެރެންޓީގެ ގޮތުގައި ނަގާފައިވާ ފައިސާއާއެކު، ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު 1.4 ބިލިއަން ޑޮލަރަށް އަރާކަމަށެވެ.

ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޗައިނާއިން ލޯނު ނަގާފައިވަނީ ދެކޮޅުޖެހޭ އުސޫލަކުން ނޫންކަމަށާ، މިކަމުގެ ސަބަބުން ދިވެހިންނަށް ތަކުލީފުތަކެއް ކުރިމަތިވި ނަމަވެސް، މިއީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ކުރެވޭނެ ކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަންޏަކީ ކުރިއަށް އޮތް ތަނުގައި ރީސްޓްރަކްޗާ ކުރެވިގެންދާނެ ދަރަންޏަކަށް ވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ދަރަނީގެ ސަބަބުން މާލީ ނުތަނަވަސްކަން ކުރިމަތިވެފައިވާ ބަޔަކަށް މަޝްވަރާގެ ތެރެއިން ދަރަނި ކުޑަކޮށްދީ، އޮޕަރޭޝަންތައް އަލުން ހިންގައިދަތުމަށް ބޭނުންވާ ލިކުއިޑިޓީ ތަނަވަސްކޮށްދެނިވި އުސޫލެކެވެ.

ދިވެހި ހާރިޖީ ވަޒީރު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ސްރީލަންކާގެ އާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. ސްރީލަންކާގެ ސަރުކާރުގެ އިސް ސަފުގައި މިވަގުތު ހުންނެވި ބޮޑުވަޒީރި މަހިންދަ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައީސް ކަމުގައި އޭނާ ހުންނެވި ދުވަސްވަރު ޗައިނާއިން ބޮޑެތި ދަރަނިތަކެއް ނެންގެވި ބޭފުޅެކެވެ.

ސްރީލަންކާގެ އާ ރައީސް ގޮތަބާޔާ ރާޖަޕަކްސަ (ކ) ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮޅުނބުގައި ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

ސްރީލަންކާގެ ހާރިޖީ ވަޒީރާ ޝާހިދުގެ މަޝްވަރާތައް

ހާރިޖީ ވަޒީރު ޝާހިދު، ސްރީލަންކާގެ މިނިސްޓާ އޮފް ފޮރިން ރިލޭޝަންސް ދިނޭޝް ގުނަވަރުދަނައާއި ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން ރިލޭޝަންސް ދިނޭޝް ގުނަވަރުދަނަ (ކ) އާއި ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮޅުނބުގައި ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

ކޮޅުނބުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ގުނަވަރުދަނަ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރާ ޝާހިދު މަޝްވަރާކުރެއްވުން

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް، ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވީވެސް ބުރާސްފަތި ދުވަހުއެވެ.

ކޮޅުނބުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ބޮޑުވަޒީރަށާއި، އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ޝާހިދު އަރިސްކުރެއްވިއެވެ. އަދި ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތުމުން، އެކަމަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ(ކ) ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮޅުނބުގައި ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ސްރީލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ބޮޑުވަޒީރު ރާޖަޕަކްސައަށް ޝާހިދު އެރުވިކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މި ދެ ބައްދަލުކުރެއްވުމުގައިވެސް ޝާހިދުގެ އަރިހުގައި، ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްއާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޝަމާލް ރާޖަޕަކްސަ (ވ) ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮޅުނބުގައި ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

މީގެ އިތުރުން ދިވެހި ހާރިޖީ ވަޒީރު ސްރީލަންކާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޝަމާލް ރާޖަޕަކްސައާއިވެސް ބައްދަލުކުރައްވާފައެވެ.

މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރު ހަމްބަންޓޯޓާ ބަނދަރު އެޅުމުގެ މަސައްކަތަށް ޗައިނާއިން ސްރީލަންކާއަށް ނަގާފައިވާ ދަރަނީގެ އަގުވެސް އުޅެނީ ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގައެވެ.