ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް މިއަދު ފައްޓައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވާދީފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ދޫނީދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު ވަނީ މި މަސް ތެރޭގައި ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރު އިމްރާން މީގެކުރިން ވިދާޅުވެފައިވަނީ ދޫނިދޫ ޖަލަކީ މީހުން ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު ތަޅާލުމަށްފަހު ހަމަ އެތަނުގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށެވެ. މީގެކުރިން އެއްގޮތަކަށްވެސް މީހުން ބަހައްޓަން އެކަށީގެން ނުވާ ތަންތަނުގައިވެސް މީހުން ބަހައްޓާފައިވާކަމަށާއި، މިހާރު އެތަންތަނުގައި އެއްވެސް މީހަކު ބަންދުކޮށްފައި ނުބަހައްޓާ ކަމަށެވެ. ދޫނިދޫގައި ދެން އަޅާނެ ޖަލަކީ އިންސާނުން އެތަނުގައި ބަންދުކޮށްފައި ބަހައްޓަން އެކަށީގެންވާ ތަނަކަށް ހަދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގައިދީންނާއި ކުރެވޭ މުއާމަލާތް ބަދަލު ކުރެވޭނީ ޖަލު އޮފިސަރުންނަށްވެސް ދޭންޖެހޭ ތަމްރީނުތައް ދީގެން ކަމަށާއި އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އދ. މަންދޫބު ނިލް މެލްޒާ ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖޭގައި މީހުން ބަންދު ކޮށްފައިވާ ތިބޭ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވައިފައެވެ. އަދި ލާއިންސާނީ އަނިޔާއާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކުގެ އިސް ބޭފުޅުންގެ އިތުރުން، އެކަންކަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން މުޅި ނިޒާމު ވެސް މެލްޒާގެ ދަތުރުފުޅުގައި ވަނީ ވަޒަން ކުރައްވާފައެވެ.
އެ ގޮތުން، ރާއްޖޭގެ މައި ޖަލުތައް ހިމެނޭ ގޮތަށް އެފަދަ 10 މަރުކަޒަކަށް ޒިޔާރަތްކޮށް އޮފިޝަލުންގެ އިތުރުން ގައިދީންނާއި އޭނާ ވަނީ މި ޒިޔާރަތުގައި ބައްދަލުކުރައްވާފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެލްޒާ ވަނީ ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތުގެ ސަބަބުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ކަމަށް ވިދާޅުވެފައެވެ.