ތިލަފުށި އަދި ގުޅީފަޅު ބަލަހައްޓާ ސަރުކާރު ކުންފުނި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)ގެ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.
"ދަޕްރެސް"އަށް މައުލޫމާތު ދެއްވަމުން އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމް ވިދާޅުވީ އެ މަސައްކަތް އޮޑިޓު އޮފީހުން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް އޮޑިޓް އޮފީހުން ފެށީ ވަރަށް ފަހުން ކަމަށާއި މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެއެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާއެވެ.
އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.
ޕާކަވަންއާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ)އެވެ. މި ފައިސާ ދައްކަން ދައްކަން ގްރޭޓާ މާލެ އަށް އެންގީ ފަސް ދުވަހުގެ ތެރޭގައެވެ.
މި މުއްދަތުގައި ފައިސާ ނުދިނުމުން މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައި، އެކަން ގްރޭޓާ މާލެ ކުންފުންޏަށް އަންގައިފައެވެ.
ބޯޓުގެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީ އަށް ޖީއެމްއައިިޒެޑްއެލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ހާޒިރުވެސް ކޮށްފައެވެ. އަދި އެ ކޮމެޓީގެ މެންބަރުން ވަނީ އިބޫއަށް އެ މައްސަލާގައި އެތައް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އެ ކުންފުނިން ކޮރަޕްޝަންގެ އެތައް ކަމެއް އެ ބޯޓާއި ގުޅިގެން ހިންގާފައިވާ ކަމަށް އެސްއޯއީ ކޮމެޓީ މެންބަރުން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންނަަމަވެސް ކޮމެޓީގައި އިބޫ ވަނީ އޭނާއަށް ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.