ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ފާރުތަކުގައި ކުރެހި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ ށ. މާއުނގޫދޫއަށް އައިސްގެ ދިދަ ނަގައިގެން ދޯންޏެއްގައި ދިޔަ ބަޔަކު އެރަށަށް އެރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެރަށުގެ ބައެއް ފާރުތަކުގައި އައިއެސް ލޯގޯ ރަމްޒުވާ ގޮތަށް ސްޕްރޭ ކޮށްފައި ހުރި މައްސަލައެއް ބަލަމުން ދާ ކަމަށެވެ.
ފުލުހުން މިހެން ބުނެފައި ވާއިރު އެރަށަށް އެރީ ކޮންބައެއް ކަމަކާއި އެރީ ކިތައް މީހުންކަން ސާފުވާ ގޮތެއް ނުވިއެވެ. މިކަމުގެ އިތުރު މައުލޫމާތު ހޯދާލުމަށް މާއުނގޫދޫގައި ތިއްބަވާ ތިން ކައުންސިލަރުންނަށްވެސް "ދަޕްރެސް"އިން ގުޅާލީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވެއެވެ.
އެރަށު ކައުންސިލުން މީގެކުރިން މައުލޫމާތު ދީފައިވާ ގޮތުގައިއެ ބަޔަކު އެރަށަށް އަރާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އެރަށަށް އެރި މީހުން އައިއެސްގެ ދިދައިގެ ޕްރިންޓެއް ފާރުތަކަށް ސްޕްރޭ ކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް އަރާފައި ވަނީ ހުއިފިކަނޑާ ނަގާ ދޯންޏަކުން ކަމަށް މާއުނގޫދޫ މީހަކު މައުލޫމާތު ދީފައި ވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެރަށަށް އެރި މީހުން ފާރުތަަކަށް ސްޕްރޭ ކުރަން ސްޕްރޭ ގަތީވެސް މާއުނގޫދޫގައި ހުރި ފިހާރައަަކުން ކަމަށެވެ. އަދި އެރަށަށް އެރީ ހަތަރު މީހުން ކަމަށާއި، އެމީހުން އެރީ އިއްޔެ ރޭ އިރާކޮޅު ކަމަށް އެމީހުން ސްޕްރޭ ގަތް ފިހާރައިގެ މީހަކު މައުލޫމާތު ދީފައިވާ ކަމަށް ވެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހަރަކާތްތެރިވަމުންދާ ކަމަށާއި އެފަދަ ޖަމާއަތްތަކަށް ނިސްބަތްވާ ސެލްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާ ތަހުގީގު ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.