ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން އެކުލަވާލި ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާލީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހެންވޭރު ހުޅަނގު ދާއިރާ، ހަސަން ލަތީފު އެކަނި އިންނަވައިގެންކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ރިޕޯޓުތަކަކީ މީޑިއާތަކަށްވެސް އެ ރިޕޯޓުތައް ފާސްކުރުމުން ފެންނަން ހުންނާނެ ރިޕޯޓުތަކެކެވެ. އެ ރިޕޯޓުތަކުގައި މައިގަނޑު ގޮތެއްގައި ކޮމެޓީން މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި ކޮމެޓީން ރިޕޯޓު ފާސްކުރި ގޮތް ބަޔާންކޮށްފައި އޮންނާނެއެވެ. އެއީ މައި ކޮމެޓީއަކުން ނިންމި ނިންމުމެއް ވިއަސް އަދި ސަބް ކޮމެޓީއަކުން ނިންމި ނިންމުމެއްވިއަސް އެ ރިޕޯޓުތަކުގައި އެގޮތަށް ބަޔާންކޮށްފައި އޮންނާނެއެވެ.

ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާކުރުމުގެ ގޮތުން ނެގި ސަބް ކޮމެޓީގައި ތިއްބަވަނީ ހަސަން ލަތީފުގެ އިތުރުން މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރާއި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މި ދެންނެވި ސަބް ކޮމެޓީގެ ވާހަކަތައް މީޑިއާތަކަށް ތިލަވެގެން ދިޔައީ އެ ކޮމެޓީން ޖަމިއްޔަތުއް ސަލަފަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ނިންމުމުންނެވެ. އަދި ބައެއް މީޑިއާތަކުގައި ސަލަފްގެ މައްސަލަ ނަގާފައިވަނީ އިދިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ކޮމެޓީއަކުން ކަމަށް ބުނުމުން އެ ދެ ބޭފުޅުން އެކަން ދޮގު ކުރެއްވުމުންނެވެ.

ޓްވީޓާގައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ ސަބް ކޮމެޓީގެ އެ ރިޕޯޓަށް އޭނާ ވޯޓު ނުދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ސަބް ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައިވެސް ނުވާ ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަބް ކޮމެޓީގެ، ކޮމެޓީ ރިޕޯޓު އެކުލަވާލުމަށް ބޭއްވި ކޮމެޓީގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. ސަބް ކޮމެޓީގެ، ކޮމެޓީ ރިޕޯޓު ތައްޔާރު ކޮށްފައި ވަނީ އެ ކޮމެޓީގެ އެންމެ މެންބަރަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް ކޮމެޓީގައި އިންނަވާ ދެ މެންބަރަކު އެ ރިޕޯޓު އެކުލަވާލުމުގައި އެ މެންބަރުންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވުމުން އިނގިލި ދިއްކުރެވޭނީ ސަބް ކޮމެޓީގައި ދެން އިންނަވާ މެންބަރު ހަސަން ލަތީފަށެވެ. މީގެއިތުރުން ރިޕޯޓު އެކުލަވާލީ ހަސަން ލަތީފުކަން ޔަގީންވެގެންދާ އަނެއް ސަބަބަކީ ކޮމެޓީ ރިޕޯޓެވެ. "ދަޕްރެސް"އަށްވެސް އެ ރިޕޯޓުގެ ކޮޕީއެއް ލިބިފައި ވެއެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި ސަބް ކޮމިޓީ ރިޕޯޓުގައި މެމްބަރުންގެ ހާޒިރީގެ ތަފްސީލު ހިމެނޭ ކަމަށް ބުނެފައިވީ ނަމަވެސް އެ ތަފްސީލުވެސް ނެތެވެ. ރިޕޯޓުގައި ބުނެފައި ވަނީ "ޖަދުވަލު 1"ގައި ހާޒިރީ އޮންނާނެ ކަމަށެވެ. ނަމަވެސް ކޮމެޓީ ރިޕޯޓުގެ އެއްވެސް ގަނޑެއްގައި "ޖަދުވަލު 1" ފެންނާކަށް ނެތެވެ. އަދި އެ ރިޕޯޓުގައި ހަމައެކަނި ސަބް ކޮމިޓީގެ މެމްބަރު، މުގައްރިރު ހަސަން ލަތީފު ސޮއި ކުރައްވާފައިވާ އިރު، އެ ރިޕޯޓު ސަބް ކޮމިޓީން ފާސްކުރިގޮތުގެ ވޯޓުގެ ތަފްސީލެއްވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ކޮމެޓީ ރިޕޯޓު އެކުލަވާލައި، ޖަމިއްޔަތުއް ސަލަފަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ނިންމާ "ރިކަމެންޑޭޝަން" ތަކެއްވެސް ހިމަނާ 16 ސޮފްހާގެ ރިޕޯޓެއް އެކުލަވާލެއްވީ މެންބަރު ހަސަން ލަތީފު އެކަނިކަމަށް ބެލެވެއެވެ.

މީޑިއާގައި ފެންމަތިވެފައިވާ މި މައްސަލައިގައި މިހާތަނަށް ހަސަން ލަތީފު ވާހަކަ ދައްކަވާފައި ނެތެވެ.