އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކޮށްފިއެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ބަޖެޓަށް 366 އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.
ބަޖެޓަށް ބޮޑަށް އިތުރުކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.
މި ސަރުކާރުން ފުރަތަމަ ހުށަހެޅި ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ.
މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.