ރާއްޖޭގައި އުފެދިފައިވާ ދީނީ ޖަމާއަތެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކުރަމުން އަންނަ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ރިޕޯޓުގައި އެގޮތަށް ބަޔާންކޮށްފައި ވާތީއެވެ. އެ ކޮމެޓީން އަންނަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެ މައްސަލާގައި ކޮށްފައިވާ ތަހުގީގާ ގުޅޭ ގޮތުން އާއްމު ކޮށްފައިވާ ރިޕޯޓު ދިރާސާ ކުރަމުންނެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް ސަބް ކޮމެޓީއެއް އެކުލަވާލާފައި ވާއިރު އެ ސަބް ކޮމެޓީގެ މަސައްކަތް ރޭ ވަނީ ނިންމާފައެވެ. އަދި މިއަދު ސަބް ކޮމެޓީން ނިންމާފައިވާ ނިންމުން މައި ކޮމެޓީއަށް ހުށަހަޅާނެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ރިޕޯޓު ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަކުރާ ކަމަކީ އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ފާހަގަކުރޭ ޓެރަރިޒަމުގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މި މަޖިލީހުން ނިންމަން ބޭނުންވާ ގޮތެއް އެ ކޮމެޓީން ނިންމަން ބޭނުންވާ ގޮތެއް. އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ބަޔާންކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމަ އެ ޖަމާއަތަށް ފިޔަވަޅު އެޅުމަށް ސަބް ކޮމެޓީން ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ،" ނަޝީދު ވިދާޅުވިއެވެ.

ސަބް ކޮމެޓީން އެގޮތަށް ނިންމާފައި ވާއިރު ޖަމްއިއްޔާތަކުގެ ބިލުގެ އިބުތިދާއީ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވަނީ ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ އަދި އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ހިމެނިވަޑައިގަންނަވައެވެ.

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމު މަރާލުމުގައި ސަލަފު ޖަމުއިއްޔާގެ އަތެއް ވާކަމަށް ބުނެފައެއް ނެތެވެ. ނަމަވެސް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް ބަޔާންކޮށްފައި ވުމުން، ސަލަފް ޖަަަަަަަަަމުއިއްޔާ އުވާލައި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އިއްޔެގެ މަޖިލީހުގައި މެންބަރުން ވަނީ ގޮވާލައިފައެވެ.