ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ސަރުކާރުން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ ޑިޒައިނަށް ބަދަލު ނުގެންނަން ނިންމީ މަޝްވަރާ ކުރަމުން ދިޔައިރު، ލިބުނު ހިޔާލުތަކަށް ބެލުމަށް ފަހު ކަމަށާއި ފްލެޓުގެ އަދަދު ބޮޑުތަނުން މަދުވާން ބައެއް މީހުން ބޭނުން ނުވާތީ ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު ފްލެޓްތައް އެގޮތަށް ބަހައްޓަން ހިޔާލު ލިބިފައިވާތީ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މިގޮތަށް ބަދަލުކުރަން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށް ކަމަށްވެސް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އެޗްޑީސީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި އޮތީ ތަށިމުށިޖެހުމާއި ކުލަލުން ފަދަ ފިނިޝިން މަސައްކަތްތައް ނުނިންމައި ފްލެޓް ހަވާލު ކުރުމަށް ކަމަށް ވީ ނަމަވެސް މިހާރު ވިސްނުމަކީ ހުރިހާ މަސައްކަތެއް ނިންމާފައި ފްލެޓް ހަވާލުކުރުން ކަމަށެވެ. އެކަމަށް، 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ސަރުކާރުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން މި ސަރުކާރުން ވިސްނީ ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރުމަށެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެކަމަށެވެ. ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.