ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ފެނިވަޑައިގަންނަވާ ކޮންމެ މައްސަލައަކީ ސުލޫކީ މައްސަލައެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެ ފާޑުކިޔުއްވައިފިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ މުޅި "އޮޑީގައި" ނަޝީދުގެ ފައި ކަމަށެވެ.

"ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މި ޓްވީޓުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަކީ ކޮން ބައެއްކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ޖޭއެސްސީގައި ތިބެއެވެ. އެއީ ޖޭއެސްސީގެ މިހާރުގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ބަންޑާރަ ނާއިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ރިފްއަތު އަދި ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީއެވެ.

ފަނޑިޔާރުން މަޖިލީހުން ވަކިކުރުމުގެ ކުރިންވެސް ޖަމީލް ވަނީ އެ މައްސަލައާ ގުޅިގެން މިއަދު އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ. އެގޮތުން ޝަރުއީ އިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ އަމަލެއް ކަމަށް ޑރ. ޖަމީލް ވަނީ މިއަދު ވިދާޅުވެފައެވެ.

މިއަދުގެ ވޯޓުގައި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަގާމުން ވަކި ކޮށްފައެވެ. އެ ދެ ބޭފުޅުން މަގާމުން ވަކި ކުރީ 69 މެންބަރުންގެ ވޯޓުންނެވެ. ގާނޫނުއަސާސީގައި ފަނޑިޔާރަކު ވަކި ކުރަން ވާނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދެ ފަނޑިޔާރުން މިއަދު ވަކިކުރެއްވިއިރު ޖަމީލް ވަނީ މިއަދު ވަކި ކުރެއްވި ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދިޔަ ސުލޫކީ މައްސަލައެއްގެ ވަކީލެއްގެ ގޮތުގައި އާދަމް މުހައްމަދުގެ އަރިހުގައި ވަޑައިގެންފައެވެ. އެހެންނަމަވެސް ޑރ. ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބައްލަވާ ބެންޗުގައި މަގާމުން ވަކިކުރި ފަނޑިޔާރު އާދަމް މުހައްމަދު އިންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައި ނުގަންނަން ޖޭއެސްސީން ވަނީ ނިންމާފައެވެ.