އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައެކެވެ. މި މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑީޝަރީ ކޮމެޓީން ވެސް ވަނީ މ ދެބޭފުޅުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށަހެޅި ސިޓީއާއެކު އެ މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއަކާއި އެ ކޮމިޝަނުން އެ މައްސަލަތައް ތަހުގީގު ކޮށް ނިންމި ނިންމުމުގެ ކޮޕީއަކާއި އަދި އެ މައްސަލަތަކާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތަކުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ވަނީ ހުށަހަޅާފައެވެ.

ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ނިންމާފައި ވަނީ އެ ދެބޭފުޅުންނާ ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާ، މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކުރައްވައިފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ސ) ގައި ބަޔާން ކޮށްފައިވާ ފަނޑިޔާރުކަމުގެ މަގާމް އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ.