ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ބޮޑުތަކުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ބޮޑުތަނުން މަދުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ސިޔާސީ މަގާމުތައް ހުރީ 465ގައެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތައް 785އަކަށް އަރައެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރަށްވުރެ 69 ޕަސެންޓު އިތުރުވުމެކެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މުސާރައާ އިނާޔަތްތަކަށް އެކަނިވެސް 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. ބަޖެޓްގެ ތަފާސް ހިސާބުގައިވާ ގޮތުގައި، އެ އޮފީހުގައި 377 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އަދި 65 ކޮންޓްރެކްޓް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ ގޮތުގައި ތިބި 12 މުވައްޒަފުންނާ އެކު ރައީސް އޮފީހުގެ މުވައްޒަފުންގެ އަދަދު 465 އަށް އަރަ އެވެ.

މިނިސްޓްރީތަކުގެ ތެރެއިން އެންމެ ސިޔާސީ މުވައްޒަފުން ގިނައީ ހެލްތު މިނިސްޓްރީއާ ފޮރިން މިނިސްޓްރީގައެވެ. ހެލްތު މިނިސްޓްރީގެ ދަށުގައި 109 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވާއިރު ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވައެވެ.