ފާއިތުވެދިޔަ 8 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ކުރިއަރާފައި ނުވާ ވަރަށް އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއި އެކުގައި ކުރިއަރައިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރުގެ ނައިބު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ދައުލަތުގެ ބަޖެޓު 2020" މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ 2020ވަނަ އަހަރު ރާއްޖެ ގުނާލެވިގެންދާނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި ކަމަށެވެ. ސަރުކާރުގެ މެކްރޯ އިކޮނޮމިކް އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ގްރޯތު 7.5 އިންސައްތައިގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ އިގްތިސޯދީ ދުވެލި ކުރިއަރާނެކަމަށް ލަފާކުރެވެނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެންދާނެ ބާރުމިނުގެ ސަބަބުންކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެތީ އެކަމަށްވެސް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ.
އޭގެތެރޭގައި ރާއްޖޭގެއެކި ސަރަހައްދުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރަށްތަކެއް ތަރައްގީކުރުމާއި އެސްއެމްއީ ބެންކު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސް ފަށަން ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމަކީވެސް މީގެ ތެރެއިން ސަރުކާރުން ވިސްނާފައި ހުރި ބައެއް ކަންކަން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ.
މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަހަރެން ހީކުރީ ވޯރލްޑް ބޭންކުން ނެރުނު ރިޕޯޓެއް ކަމަށް ތީ. އިގްތިޞާދު ކިޔަން ނޭނގޭ މީހުންނަށް ކޮން އިގްތިޞާދެއް ކުރި އެރުވޭނީ.
ތިޔަށްވުރެ ރީތި މަލާމާތެއް އިބްރާހިމް މުހައްމަދު ޞާލިހް އަށް ކުރި ދައުލަތުގެ ސިޔާސީ ބޭފުޅެއްގެ އަޑެއް ނާހަން