ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާ މާދަމާ އެމަނިކުފާނުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އަދީބުގެ މައްޗަށް ދައުޔަތުން ކުރަނީ މަނީ ލޯންޑްރިންގެ ދެ ދައުވާއާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ. މި ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލު ކޮށްފައިވަނީ މެންދުރު 2:00 އަށެވެ.
މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި ހުކުމް ކޮށްފައެވެ. އެއީ އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެހެންނަމަވެސް އެ ދެ ހުކުމް އިސްތިއުނާފުގެ މަރުހަލާގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އަދީބާއެކު ހެދި "ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމު"ގެ ދަށުން 7 ދައުވާއަށް އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ވަނީ ދާދިފަހުން ބުނެފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް އުއްތަމަ ފަނޑިޔާރުން އެދުވަހު ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަދީބުގެ މައްސަލަތައް ކޯޓުގައި ފެށުމަށް ތައްޔާރުވެފައި ވާއިރު އަދީބު ވަނީ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން، ލައިވުކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް މާދަމާގެ ޝަރީއަތް ލައިވް ކުރާކަށް އަދި ނުނިންމައެވެ.