ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ހައިކޯޓަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ހުޅުވާލީ ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށެވެ. އެއީ 17ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11އަށް ބަދަލު ކުރުމުންނެވެ. އެ ދެ މަގާމަށް 12 ފަރާތަކުން ކުރިމަތިލާފައިވެއެވެ.
ހައިކޯޓު ފަނޑިޔާރުންނަށް މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭނެއެވެ. އަދި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.
ހައިކޯޓު ފަނޑިޔާރަކަށް ދެބޭފުޅަކު އައްޔަން ކުރަން ޖޭއެސްސީން ނިންމިއިރު އެ ކޯޓުގެ އިސް ފަނޑިޔާރާއި އެކު އިތުރު ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން މިހާރުވެސް އަންނަނީ ބަލަމުންނެވެ.