ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ އެކަން ދެނެގަތުމަށް އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އަންގައިފިއެވެ.

ކްރިމިނަލް ކޯޓުގައި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު ރިޕޯޓު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީން ކޮމެޓީން ނިންމާފައި ވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ތަމްސީލު ކުރާނޭ މީހުން ހިމަނައިގެން އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލުމަކީ ހައްލު ކަމަށެވެ. އެހެންކަމުން އެ ކޮމެޓީ ރިޕޯޓުގައި ބުނެފައިވާ ޓާސްކްފޯސް އެކުލަވާލުމަށް ޖޭއެސްސީއަށް ލަފާ އެރުވުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 66 މެންބަރުންގެ ވޯޓުންނެވެ.

ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ އެ ޓާސްކް ފޯހުގެ މެންޑޭޓްގެ ތެރޭގައި ކޯޓުތަކުގައި މައްސަލަތައް ނުބެލި ލަސްވަމުން ދާ ސަބަބު ދެނެގަތުން ހިމަނަންޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި 1،910 މައްސަލައެއް އެބަ އޮތް ކަމަށް ޖޭއެސްސީން ކޯޓުތަކާއި ގުޅޭގޮތުން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ. ނުނިމި ހުރި 1910 މައްސަލައިގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައަކާއި ފަސް އަހަރުވެފައިވާ 126 މައްސަލައެއް އެބަ ހުއްޓެވެ. ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް (ޖުލައި 2، 2017) އަމަލު ކުރަން ފެށުނު ފަހުން ކްރިމިނަލް ކޯޓުގައި 181 މައްސަލައެއް ހިމެނެއެވެ.