ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވުމުގެ އަޑުއެހުން މާދަމާ 1:30 އަށް ތާވަލު ކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.
މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑައިރެކްޓާ އަބްދުﷲ ޒިޔަތާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ފާހަގަ ކޮށްލެވެއެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ހުކުމް މާދަމާއަށް ތާވަލު ކޮށްފައި ވާއިރު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނު ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފައެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ވަކި ފިކުރެއްގެ ބަޔަކު ރުއްސުމަށްޓަކައި ކަމަށެވެ.