ޕީޕީއެމް އިން މިރޭ އެޕާޓީގެ އޮފީސް ދޮރުމަތީގައި "ބަޑިބުރާސްފަތީ"ގެ ނަމުގައި ބާއްވަން އުޅޭ އިހުތިޖާޖަށް ފުލުހުން ހުރަސް އެޅިއަސް އެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "ދަޕްރެސް"އަށް މިއަދު ވިދާޅުވީ ޕީޕީއެމްގެ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވުމާ ގުޅިގެން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައި ވާ ކަމަށެވެ. އަދި އެ އެއްވުމަކީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް މީގެކުރިންވެސް ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ޕީޕީއެމްއިން ސުލްހަވެރި އިހުތިޖާޖުތައް ކޮށްފައި ވާނެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިރޭ ބާއްވަން އުޅޭ އިހުތިޖާޖު ކުއްލިއަކަށް ގާނޫނާ ހިލާފު އިހުތިޖާޖެއް ކަމަށް އެ ބުނަނީ ނަސްރުގެ ދުވަހާ ގުޅިގެން ޕީޕީއެމްއިން އެ އިހުތިޖާޖު ކުރަން ރާވާފައި އޮތުމުން ކަމަށެވެ.

ޕީޕީއެމްގެ މިރޭގެ އިހުތިޖާޖު ހާއްސަ ކުރަނީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅުވައިގެންނެވެ. ޝިޔާމް ވިދާޅުވީ އެ ދުވަހަކީ ޕީޕީއެމްގެ ވެރިކަމުގައި ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެއް ކަމަށެވެ. އެހެންކަމުން އެ ދުވަހު ޕީޕީއެމްއިން މިފަހަރުވެސް ފާހަގަކުރާނެ ކަމަށާއި އަދި އެ ދުވަހު ފާހަގަކުރުމަށް އެދި ވަރަށް ގިނަ އާއްމު ރައްޔިތުންވެސް ޕާޓީގައި އެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް އެއްވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކާނިވާ ސަރަހައްދު ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދު ދެވެން ނެތް ކަމަށް ކަމާ ގުޅުންހުރި މިނިސްޓްރީން އަންގާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނުން ސިޔާސީ ޕާޓީތައް އެއްވުމަށް ވަކި ހާއްސަ ތަނެއް ކަނޑައަޅާފައިވާއިރު އެތަން ސިޔާސީ ޕާޓީތަކަށް ހާއްސަ ކުރެވެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޝިޔާމް ވަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެހެންނަމަވެސް ޝިޔާމް ވިދާޅުވީ އެޕާޓީގެ އެއްވުން މިރޭ ކުރިއަށްދާނެ ކަމަށެވެ.

ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައިވެސް ވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެއްވުންތައް ކުރިއަށް ގެންދާއިރު ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.