މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގައި ކުރިން ސިއްރުކުރި ބައެއް ހެކިން ހާމަކުރަން ދައުލަތުން މިއަދު ނިންމައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގުތަކުގައި އާ ހެކިތަކެއް ލިބިފައިވާ ކަމަށާއި އެ ހެކިތައް ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެގޮތުން ބައެއް ޑިޖިޓަލް ހެކިތަކެއް ލިބިފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ޑިޖިޓަލް ހެކިތައް ތަހުލީލު ކުރަމުންދާތީ ތަހުލީލަށް ފަހު އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ދައުލަތުން އެދުނެވެ.
މީގެ އިތުރުން ފުލުހުން ކުރިން ހޯދަން އިއުލާންކުރި މ. ލޭންޑްއޮފްގާޑަން އަހުމަދު އިޝްފާހު އަލީ އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ބުނިގޮތުގައި އެ ދެމީހުން ހެކިންގެ ގޮތުގައި ހުށަހަޅަނީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ޗެކްތަކާ ޒިޔަތު ހަވާލުވުމަށް ފަހު އެ ޗެކްތައް އެސްއޯއެފްގެ އެކި މީހުން ހަވާލުކުރިކަން ސާބިތު ކުރުމަށެވެ.
އެ ދެ މީހުން ހެކިންގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހައްދަވައި، ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެ ދެ މީހުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު އެކި ތުހުމަތުތަކުގައި ފުލުހުން ހޯދަން އިއުލާންކުރި ބައެއް ކަމަށެވެ. އެކަމަކު އެ މީހުން ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކޯޓުން ނިންމައިފި ނަމަ، އެ މީހުންގެ ބަޔާންތައް ދޭން އޭނާ އެދިވަޑައިގަތެވެ.
ރައްދުގައި ދައުލަތުން ބުނީ ތުހުމަތެއް ކުރެވުމަކީ ހެކިބަސް ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށާއި މަތީ ކޯޓުތަކުން ނިންމުންތަކުގައި ވެސް، ކުށް ސާބިތުވެފައި ތިބޭ މީހުންގެ ހެކިބަސް ބައެއް ހާލަތްތަކުގައި ބަލައިގަނެވޭނެ ކަމަށް ނިންމާފައި އެބަހުރި ކަމަށެވެ. އެފަދަ ހެކިންގެ ބަހަށް ބާރު ލިބޭ އިތުރު ހެކި ހުރި ނަމަ އެފަދަ ހެކިން ބަލައިގަނެވޭނެ ކަމަށް ހައި ކޯޓުގެ ނިންމުމެއް އެބައޮތް ކަމަށް ބުނެ، ދައުލަތުން ބުނީ އެ މައްސަލާގައި ޒިޔަތާ ދެކޮޅަށް ވެސް އިތުރު ހެކި އެބަހުރި ކަމަށެވެ. މީގެ އިތުރުން ފަހުން ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތު ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެބައޮތް ކަމަށާއި އިސްތިއުނާފް މަރުހަލާގައި ވެސް އެ ފުރުސަތު އޮންނަ ކަމަށް ދައުލަތުން ބުނެއެވެ.
ވަކީލް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގައި ވެސް ދައުލަތުން ފަހުން ހުށަހަޅަން އުޅުނު ލިޔުންތަކަކަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ކަމަށާއި އެހެންވެ، މި މައްސަލާގައި ވެސް އެގޮތަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނީ، ޔާމީންގެ މައްސަލަ އާއި ޒިޔަތުގެ މައްސަލާގައި ކަން ހިނގި ގޮތް ތަފާތެވެ. ޔާމީންގެ މައްސަލާގައި ކޯޓުން އެގޮތަށް ނިންމީ އެ މައްސަލަ އަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހިނގާ މައްސަލައަކަށް ނުވާތީ ތަހުގީގު ފުރިހަމަކުރަން ފުރުސަތު ލިބިފައި އޮތުމުން ކަމަށާއި ނަމަވެސް ޒިޔަތުގެ މައްސަލައަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ އެކު ވަކި މުއްދަތެއް ތެރޭގައި ދައުވާކުރަން ލާޒިމްވި މައްސަލައެއް ކަމަށް ދައުލަތުން ބުނެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ހިޔާނާތުގެ 30 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާއިރު، އޭގެ ތެރެއިން 30 މައްސަލައެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވާފައެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާކުރާ ފުރަތަމަ ފަހަރެވެ.