ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ތަހުގީގު ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށްޓަކައި 19 މައްސަލައެއް ތާވަލުކުރެވި އޭގެތެރެއިން ދެ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލައި ފައިވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމައެއް ނުކުރެއެވެ.
ޝުޖާއު އުސްމާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޝުޖާއު އުސްމާނާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ ހުށަހެޅި އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެކެވެ. ހަމައެއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކޮށްދިން މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ހައިކޯޓު ފަނޑިޔާރު ޝަހީދާއި ގުޅޭގޮތުން ވެސް ބަލަނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ޝަހީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް ޖޭއެސްސީން ނިންމީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި ދެ ފަނޑިޔާރުންގެ އިތުރުން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ އަލީ މުަސްތަފާގެ މައްސަލައެއް ބަލަން ނިންމާ އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ވަނީ ޖޭއެސްސީން ވަނީ ނިންމާފައެވެ.