ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކަނޑާލަން އުޅޭ ވާހަކަ ދެކެވެން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ސިޔާސީ މަގުސަދެއްގައި ބަޔަކު ރާވައިގެން 11 މުވައްޒަފުން ކަނޑާލަން އުޅޭ ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ، އެ މުވައްޒަފުން ހާޒިރީއަށް ފަރުވާ ކުޑަކަމަށް ބުނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް ބުނި ނަމަވެސް ހާޒިރީ އަށް ފަރުވާ ކުޑަ ކަމަށް ބުނެ 11 މުވައްޒަފުންނަށް ޗިޓް ފޮނުވައިފިއެވެ.
ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ޗިޓު ފޮނުވުން
ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޗިޓު ފޮނުވީ އިއްޔެއެވެ. މުވައްޒަފުންނަށް ފޮނުވި ޗިޓުގައި، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ހާޒިރީ ރިޕޯޓަށް ބަލާ، 'ދިވެހި ސިވިލް ސާވިސް ގަވާއިދު 2014'ގެ 28 ވަނަ ޗެޕްޓަރުގައި ބަޔާން ކޮށްފައިވާ އިސްލާހީ ފިޔަވަޅު އެޅުމާއި މާއްދީ ގެއްލުންތަކަށް ބަދަލު ނެގުމުގެ ބައިންނެވެ. އެގޮތުން، އެ ބައިގެ 271 ވަނަ މާއްދާގެ (ނ)، ވަޒީފާގެ ކުށުގެ ދަރަޖަ ތިނެއްގެ 2.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، އަހަރެއްގެ ތެރޭގައި ގަޑިޖެހުނު މިނެޓުގެ އަދަދު 300 މިނެޓަށްވުރެ އިތުރުވެފައިވާތީ، ކަމަށް ބުނެއެވެ.
އިއްޔެ މުވައްޒަފުންނާ މި ޗިޓު ހަވާލުކޮށްފައިވާއިރު، އިއްޔެއިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ސަބަބުތަކަށް ލިޔުމުން ޖަވާބު ދާރީ ވުމަށް ޗިޓުގައި ބުނެފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައިި ޖަވާބުދާރީ ނުވެވިއްޖެ ނަމަ، ނުވަތަ ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް ހުށަނޭޅިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރާނެ ކަމަށް ވެސް އެ ޗިޓުގައި ބުނެފައިވެއެވެ. އެ ޗިޓުގައި، އިސްލާހީ ފިޔަވަޅަށް އަމަލީ ސިފަ އަންނާނެ ކަމަށް ބުނެފައިވަނީ އަންނަ ބުދަ ދުވަހުގައެވެ.
ނަމަވެސް، ސިވިލް ސާވިސް ގަވައިދުގައި އޮންނަ ގޮތުން، މުވައްޒަފަކާއި ދޭތެރޭ އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، އެ މުވައްޒަފެއްގެ މަސައްކަތް ބެލުމާއި ހަވާލުވެ ހުރި ފަރާތަކުން އެ މުވައްޒަފަކަށް މަގުދައްކަން ޖެހެއެވެ. އެގޮތުން އަނގަބަހުން ނަސޭހަތް ދިނުމާއި، ލިޔުމުން ދެ ފަހަރެއްގެ މަތިން ނަސޭހަތް ދިނުން، އަދި ލިޔުމުން އިޒާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފު އެކަމެއް އިސްލާހު ނުކޮށްފިނަމަ، ސަސްޕެންޑް ކުރުމާއި، ވަޒީފާގެ ފަންތި ދަށް ކުރުމަކީ ވެސް ވަޒީފާއިން ވަކި ކުރުމުގެ ކުރިން އެޅުމަށް ސިވިލް ސާވިސް ގަވާއިދުގައި ބުނާ ފިޔަވަޅުތަކެވެ.
ވަކިކުރަން ނިންމާފައިވާ މުވައްޒަފުންގެ ޝަކުވާ
މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ޗިޓު ލިބިފައިވާ ބައެއް މުވައްޒަފުން ވަނީ އެމީހުންގެ ޝަކުވާތައް 'ދަ ޕްރެސް' އާ ހިއްސާކޮށްފައެވެ. ޗިޓް ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 30 އަހަރާއި 3 އަހަރާ ދެމެދުގައި އެތަނަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނެވެ.
އެގޮތުން، އެ އޮތޯރިޓީއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކޮށްދީފައިވާ މުވައްޒަފަކު ކިޔައިދިން ގޮތުގައި، އެ ދުވަސްކޮޅު އޭނާއާ ދިމާވީ ވެސް ވަރަށް އެހެން ކަހަލަ ހާލަތެއް ކަމަށެވެ. ޕާސަނަލް ލައިފްގައި ދިމާވި ހާދިސާއަކާ ގުޅިގެން، އޮފީހަށް ދެވޭ ކަހަލަ ހާލަތެއްގައި ނެތް ނަމަވެސް، މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ކޮންމެހެން ވެސް އޮފީހަށް ނިކުންނަން މަޖުބޫރުވީ ކަމަށެވެ. އޭނާ ބުނީ، އެ ވަޒީފާގައި ހުންނަތާ ގިނަ އަހަރުތަކެއް ވެގެން ދިޔައިރު، ވަޒީފާއަށް ފަރުވާތެރި ކަމާ އެކު ނުކުންނަ މުވައްޒަފަކު މިފަހަކަށް އައިސް ގަޑިޖެހެންވީ ސަބަބެއް ބަލާލުމަކީ ތަނުގެ އެޗްއާރްގެ ޒިންމާއެއް ކަމަށެވެ.
'ދަ ޕްރެސް' އާ ޓްރާސްޕޯޓް އޮތޯރިޓީގެ ހާލަތު ހިއްސާ ކުރަމުން އެހެން މުވައްޒަފު ބުނީ، އެތަނުގެ އެޗްއާރް އޮތީ ބޮއްސުން ލައިފައި ކަމަށާއި، އެޗްއާރުން މުވައްޒަފުން އުޅޭ ނޫޅޭ ގޮތް ނުބަލައި ކަމަށެވެ. އަދި މީގެ ކުރިން އޭނާއަށް ފަރުވާތެރިވުމަށް އެއްވެސް ގޮތަކަށް ނަސޭހަތް ދީފައި ނުވާއިރު، ސިވިލް ސާވިސް ގަވާއިދުގައި އެގޮތަށް ވަޒީފާއިން ކަނޑާލެވެން އޮންނަ ކަން އޭނާއަށް އެނގިފައި ނުވާ ކަންވެސް ފާހަގަ ކޮށްފައެވެ. އަދި އެ ގަވާއިދުން މުވައްޒަފުންނަށް ކޮންމެހެން އެނގެން ޖެހޭ މިންވަރު މުވައްޒަފުންނާ ހަމައަށް އެޗްއާރުން ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ނޭނގުމެއްގެ ތެރޭގައި މިހެން ވަޒީފާއިން ކަނޑާލުމަކީ ލިބޭ ވަރަށް ދެރަ ނިކަމެތި ކަމެއް ކަމަށެވެ.
އިތުރު މުވައްޒަފަކު އޭނާގެ ޝަކުވާ ހިއްސާ ކުރަމުން ބުނީ، ޓްރާސްޕޯޓް އޮތޯރިޓީގައި އޭނާ މަސައްކަތް ކުރާތާ މިހާރު 14 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައެއް ދުވަހު އޮފީހަށް ގަޑިޖެހިގެން ހާޒިރުވެވުނަސް، ގިނަ ދުވަސްތަކަކީ ހިލޭ ސާބަހަށް 3 ގަޑިއެއް ހާއިރު މަސައްކަތް ކުރާ ދުވަސްތައް ކަމަށެވެ. އިތުރު ގަޑިއަށް އިނާޔަތް ނުލިބޭތާ ގިނަ ދުވަސްވެފައިވީ ނަމަވެސް، ހަވީރު 5:00 ޖަހަންދެން ވެސް ގިނަ ދުވަހު އޮފީސް މަސައްކަތް ކުރުމުގައި ތިބެން ޖެހޭ ކަމަށެވެ. އޭނާ ބުނީ އޮފީހަށް ގަޑިޖެހިގެން ދިޔަޔަސް، ވަޒީފާއިން ވަކިކުރަން ނިންމަން ޖެހޭނީ ގަޑިޖެހުމުގެ ސަބަބުން ދޭން ޖެހޭ އިންޒާރާއި ނަސޭހަތްތެރިވުމުގެ ފިޔަވަޅު ފަދަ ފިޔަވަޅުތައް އެޅުމަށްފަހުއެވެ.
އޭނާގެ ޝަކުވާތައް ހިއްސާ ކުރަމުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމުން، ޓްރާންސްޕޯޓް ތެރޭގައި ހާވާފައި ހުރި ހަޑިތައް ސާފުކުރައްވާނެ ކަމަށް ވިދާޅުވި ކަން ފާހަގަކޮށް، އެކަން ކުރުމުގައި، މަތީ މަގާމުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅުމަށާއި، އާދައިގެ ނިކަމެތި މުވައްޒަފަށް ފިޔަވަޅު ނޭޅުމަށް ގޮވާލާފައެވެ. ޓްރާންސްޕޯޓްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވެފައިވާ އެ މުވައްޒަފުންތައް ކަނޑާލަން ރަވާ، ލިސްޓެއް ތައްޔާރު ކުރިކަން މީޑިއާގައި ހާމަވުމުން، އެއްވެސް މުވައްޒަފަކު ގަޑިނުޖެހި ވޭތޯ ބެލުމަށް އެޗްއާރުން ނަސޭހަތްތެރިވި ކަމަށާއި، އެކަން އެނގުނު ހިސާބުން، އޮތޯރިޓީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ގަޑިއަށް ފަރުވާތެރިވި ކަމަށް 'ދަ ޕްރެސް' އާ ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.
'ދަ ޕްރެސް' އާއި އޭނާގެ ޝަކުވާތައް ހިއްސާ ކުރި އިތުރު މުވައްޒަފަކު ބުނި ގޮތުގައި، މިއީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން އަންނަ އިސް މަގަމެއްގައި ހުންނެވި ބޭފުޅަކު ދަށު ފަންތީގެ މުވައްޒަފުންނަށް ހަސަދައެއް ފިލުވަން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އޮތޯރިޓީން ކުރާ ކަމެއް ނޫން ކަމަށާއި، މިނިސްޓްރީގެ ތެެރެއިން ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެއްވެސް މީހަކަށް މިންވަރު ކުރައްވާފައިވާ ރިޒުގެއް އެހެން މީހަކަށް ބަންދު ނުކުރެވޭނެ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓަރަށްވެސް އެ ރިޒުގުގައި އަތް ނުލެއްވޭނެ ކަމަށް އޭނާ ބުންޏެވެ.
ރައީސަށް ހުށްހެޅި ޕެޓިޝަނަށް ވީ ކިހިނެއް؟
ޓްރާންސްޕޯޓް އޮތޯރިޓީން މުވައްޒަފުންތައް ވަކި ކުރަން އުޅޭކަމުގެ އަޑުތަކާ އެކު، އެ އޮތޯރިޓީގެ 46 މުވައްޒަފަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި، ކަނޑާލާ ލިސްޓްގައި ހިމެނޭ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނަގާފައިވާ ނުކުތާއަކީ ގަޑިޖެހޭ މައްސަލަ ކަމަށާއި، ނަމަވެސް މީގެ ކުރިން މުވައްޒަފުން ގަޑިޖެހިގެން އަނގަބަހުން ވެސް އަދިި ލިޔުމުން ވެސް އިންޒާރު ދީފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި އިސްލާހުވުމުގެ ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ އެއްވެސް އިންސާފެއް ހުރިކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
މުވައްޒަފުންގެ ޝަކުވާތައް ބަންޑުން ކޮށްލައި، ރައީސަށް ފޮނުވި ޕެޓިޝަނަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުވައްޒަފުންނަށް ލިބުނު ޖަވާބެއް ނުވަތަ އަލި މަގެއް ނެތެވެ.
ރައީސް ސޯލިހް މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ވަގުތު ކުޑަތަންވަމުން ދާތީއާ އެކު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ފާޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. އެމީހުން ބުނީ، އެމީހުންގެ އާއިލާތައް ހާލުގައި ޖެހި، މާލީ ގޮތުން އަނދަވަޅަކަށް ވެއްޓުމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ވެސް ވަނީ މިކަމުގައި މުވައްޒަފުންތަކެއް ކަނޑާލުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެ، މިކަމުގައި އޭނާ ދެކޭގޮތް 'ދަ ޕްރެސް' އާ ހިއްސާކޮށްފައެވެ. އޭނާ ބުނީ، މިފަދައިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބޭއިންސާފުން ކަންތައްތައް ކުރާއިރު، އެކަން ފާޅުކަން ބޮޑުކޮށް ހާމަކުރަން ނުކެރޭ ކަމަށެވެ. އެގޮތުން، މި މައްސަލާގައި ވެސް ގިނަ މުވައްޒަފުން ތިބީ، އެއްޗެކޭ ބުނަން ނުކެރި، މުޖުތަމައުން އެމީހުންނާ މެދު ދެކޭނެ ގޮތާ މެދު ކަންބޮޑުވެ، މުޖުތަމައުން އެމީހުން ބަލައި ނުގަންނާނެ ކަމުގެ ބިރެއްގައެވެ.
ތެދެކެވެ. މި މައްސަލަ ފެންމަތިވެގެން އައި އިރުވެސް، ސޯޝަލް މީޑިއާގައި ބޭޒާރުވެ، ގޯސްވީ އާދައިގެ މުވައްޒަފުންނެވެ. ހަމަހަމަކަން ގާއިމު ކުރުމުގައި ވަކި މުވައްޒަފަކު އިސްތިސްނާ ކުރެވުމަކީ އިންސާފު ކަމަކަށް ނުވާނެއެވެ.