ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މަހާޒު އަލީ ޒާހިރާއި ފާތިމަތު ދިޔާނާގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި ދެ ބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 'ހައިލީ ރިކޮމެންޑް' ކުރާ ދެ ނަމަކީ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ކަމަށް ޖޭއެސްސީން ވަނީ މީގެކުރިން ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސް ކޮށްގެންނެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ދީދީ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.