މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގެ ވިޔަފާރިވެރިންވެސް ހޭދަ ކުރަން ޖެހޭކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބޭ އާމްދަނީއިން ކޮންމެވެސް މިންވަރެއް ސްކޯލާޝިޕްގެ ގޮތުގައި، ނޫނީ އެހެން ކޮންމެވެސް ސިފައެއްގައި ތައުލީމާ ދިމާއަށް މިސްރާބު ޖެހުމަކީ ކުރިއަށް އޮތް ޖީލަށް ވެވޭނެ އެންމެ މުހިއްމު އެހީތެރިކަން ކަމަށް މަލީހު ވިދާޅުވި އެވެ. ބޭރުގެ ގައުމުތަކުގައިވެސް މިފަދަ އާދަކާދަތައް އޮންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ މުއްސަނދިންގެ މެދުގައިވެސް އޮތުން މުހިއްމު ސިފައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވިލާކޮލެޖު ފަދަ އަމިއްލަ ފަރާތްތަކުން މަތީ ތައުލީމަށް ކުރައްވާ ހޭދަ ސަރުކާރުން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ވިލާ ކޮލެޖަށް ޔުނިވާސިޓީއެއްގެ ލަގަބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި، މިދިޔަ އަހަރު ވިލާ ކޮލެޖަށް އެންމެ ރަނގަޅަށް ހިދުމަތްކޮށްދިން ފަރާތާއި އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންނާއި ޑިޕާޓްމަންޓްތަކުގެ އަގު އެ ކޮލެޖުން ވަޒަން ކުރި އެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައި ދީފައިވާ 26 މީހަކަށް ހަނދާނީ ލިޔުން ވެސް ދިނެވެ. ރޭގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކާ ދުރުވާން ވެސް ނިންމައިފަ އެވެ.