އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތައް އެގްރީމަންޓުގައި ސޮއި ކުރުމުގެ ކުރިން އެތަންތަން ބަލާލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ދީފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފްލެޓު ލިބުނު ފަރާތްތައް އެގްރީމަންޓުގައި ސޮއި ކުރުމުގެ ކުރިން ފްލެޓުތައް ބަލާލަން ބޭނުންވާ ކަމަށްވާނަ މިއަދުން ފެށިގެން މި މަހުގެ 18ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގެ ހެނދުނު 9:30 އިން 12:00 އަށް އަދި 14:00އިން 17:00އަށް ފްލެޓުތައް އިމާރާތް ކޮށްފައިވާ ސަރަހައްދަށް ވަޑައިގަތުމުން ފްލެޓުތައް ބަލާލުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައި 264 ފްލެޓު އަޅާފައިވާ އިރު ހުޅުދޫގައި ވަނީ 48 ފްލެޓު އަޅާފައެވެ. މި ފްލެޓު ތަކުގެ ތެރެއިން ހިތަދޫގައި އިމާރާތްކުރި 264 ފެލެޓުގެ ތެރެއިން ބައެއް ފްލެޓުވަނީ މަރަދޫ އަދި ފޭދޫ މީހުންނަށް ހާއްސަކޮށްފައެވެ.
ކައުންސިލުން ބުނީ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ އިރު މަހު ފީގެ ގޮތުގައި 3،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.
ފްލެޓު ދޫކުރަން ތައްޔާރުވަމުން އަންނައިރު ފްލެޓަށް ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.