އައްޑޫ ސިޓީގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމައި ދިނުމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީއަކީ ބޯކޮށް ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ސިޓީއެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ސިޓީއަށް ކުރި ވިއްސާރާގައި އެ ސިޓީގެ އެކި އަވަށްތަކުގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގޭގެއަށް ފެން ވަދެ ބައެއް ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އައްޑޫ ސިޓީގައި ފެން ބޮޑުވާ މައްސަލައަށް ހެއްލެއް ނުލިބި ގިނަ ދުވަސް ވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުނުވެ ކުރިއަށް ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ފެން ހިންދާ ނިޒާމު އަވަސްކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަަށް ދަންނަވާ ކަމަށެވެ.

އައްޑޫގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރަން ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އަދި އަދަށްވެސް އެ މަސައްކަތް ނިމިފައި ނުވުމަކީ އައްޑޫ ރައްޔިތުންގެ ޝަކުވާއެކެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ބައެއް ގެތަކުން މީހުން ހުސްކޮށް، އެހެން ތަންތަނަށް ވަނީ ބަދަލުވެސް ކޮށްފައެވެ.