ދިރާގު ޕޭ އެޕް މެދުވެރިކޮށް ކޭޝް އިން ކުރެވޭ ގޮތް ހަދައިފިއެވެ.
ދިރާގުން ބުނީ ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއިކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާޑް އަދި ބޭންކް ޓްރާސްފާ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝް އިން ކުރެއްވުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.
ދިރާގުން ބުނީ ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުންވެސް އެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗާސްތައް ދާދި ފަހުން ތަޢާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓާކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެންވެސް އެޕުން ހޯދާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން، ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއްވެސް ވަނީ ގާއިމު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް 3 އެން.އެފް.ސީ ކާޑު ނުވަތަ ސްޓިކާ ރަޖިސްޓތާ ކޮށް ގުޅުވާ ލެވޭނެއެވެ. އަދި ހަމައެއާއިއެކު ކޮންމެ ކާޑަކަށްވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އެ ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާއިއެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ދިރާގުޕޭ ގެ ހިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭނެ ކަމަށެވެ. ދިރާގުޕޭ ގެ ހިދުމަތް ހޯދުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމާ ސާވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށްފަހު ދިރާގު ޕޭގެ ހިދުމަތަށް ރަޖިސްޓާ ކުރެވޭނެއެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.