ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ އިރު ޖިނާއީ ކުށެއް ކުރައްވައިފި ނަމަ އަދި އެކަން ޝަރީއަތަށް ސާބިތުވާ ހިސާބުން އެބޭފުޅަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތާއި ރައްކާތެރިކަން އުވާލުމަށް މެންބަރުން ތާއީދު ކުރައްވައިފިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ މީހަކު އޭނާ އެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތު ވެފައިވާ ނަމަ އެވަގުތުން ފެށިގެން އޭނާއާ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރި ކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 18ވަނަ މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކެކެވެ. އޭރު ގެނެސްފައިވަނީ ދެ އިސްލާހެކެވެ. އެއީ ގާނޫނުގެ 10ވަނަ މާއްދާގެ ފަހަތަށް (ހ) އަދި (ށ) އިތުރު ކުރުމެވެ. އޭރު ގެނެސްފައިވާ އިސްލާހުގެ (ހ)ގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައި ވަނީ މ ދެންނެވި ގާނޫނުގެ 10ވަނަ މާއްދާގެ (ހ) އުވާލުމަށެވެ.
މި އިސްލާހު ދިރާސާ ކުރުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެން ކުށެއް ކުރެއްވި ކަމަށް ޝަރީއަތަށް ސާބިތުވުމުން އިނާޔަތް ކަނޑާލަން ތާއީދު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ވެރިކަން ކުރެއްވީތީ ވަކި އަދަދެއް އަދި ވެރިކަމުން ފޭބުމުން ގެކޮޅަށް ވަކި ހަރަދެއް އޮފީސް ހިންގުމަށް ވަކި ހަރަދެއް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތަށް ކުޅަދާނަ ވާވަރަށް ދެއްތޯ އިނާޔަތް ވެސް ދެއްވަން ވާނީ. އެހެންވީމަ ހިންގަވާށޭ އިނާޔަތް ކުޑަކުރަމާ. މިސާލަކަށް ރައީސްކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ލިބިލައްވާނީ 50،000 ރުފިޔާއޭ،" ހަސަން އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ހަސަންގެ ވާހަކައަށް ތާއީދު ކުރަވާ ވާހަކަފުޅުދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ މުޅި ހުކުމް ތަންފީޒުކޮށް ނިމުމުން އަލުން އިނާޔަތްތައް ލިބެން ފަށާއިރު އިޖުތިމާއީ މަސައްކަތެއް ކުރުމަށް ނުވަތަ އޮފީސް ހިންގުމަށް ދެމުން ގެންދާ ހަރަދު އުނި ކުރެވިދާނެ ކަމަށެވެ.
"އެކަމަކު އޭނަ ލިވިން ހަރަދާއި ސެކިއުރިޓީ ކަނޑާލެވިގެން ނުވާނެ. އެއީ އޭނަގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ދިމާތައް އެބަހުރި މުޅި ރާއްޖޭގެ ސަލާމާތާ ރައްކާތެރިކަމާއި ގުޅިފައި،" އީސަ ވިދާޅުވިއެވެ.
މި އިސްލާހާއި ގުޅޭ ގޮތުން ވާހަކަދައްކަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބަދަލު ކުރަން ސަރުކާރުން ހުށަހެޅި މައިގަނޑު ސަބަބަކީވެސް އޭރުގެ ސަރުކާރުން ވަކި މީހަކަށް ޓާގެޓު ކޮށްގެން އިސްލާހު ހުށަހެޅުމުން ކަމަށާއި ނަމަވެސް މިއަދުވެސް ފެންނަނީ ހަމަ ވަކި މީހަކަށް ޓާގެޓު ކޮށްގެން އިސްލާހު ހުށަހަޅާފައިވާ މަންޒަރު ކަމަށެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް ވިދާޅުވީ އެ ގާނޫނުގެ 10ވަނަ މާއްދާގެ (ށ)އަށް ބަލާލީމަ ވަރަށް ރަނގަޅަށް އެއީ ސީދާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން އޭރުގެ ރައީސް އަބްދުﷲ ޔާމީން ގެނެސްފައިވާ އިސްލާހެއްކަން ވަރަށް ސާފުކޮށް އެނގިގެން އެބަދާ ކަމަށެވެ. ޝަހީމް ވިދާޅުވީ ނަމަވެސް މި ގާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނު ފާސްވުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ކުށެއް ކުރިކަން މާފަހުން ވިއަސް ޝަރީއަތަށް ސާބިތުވެއްޖެ ކަމަށްވާނަމަ އިނާޔަތްތައް ކެނޑިގެންދާނެ ކަމަށެވެ.
"އެއީ ރައީސް މައުމޫން ވިއަސް ރައީސް ވަހީދު އަދި ރައީސް ނަޝީދު ވިއަސް، މި ގާނޫނު އައުމުގެ ކުރިން ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނަވައިގެން ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެކަން ހަނދާން ކޮށްދޭން. މިއަކުން އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީނަށް ޓާގެޓު ކޮށްގެން ދާ އެއްޗެއްގެ ގޮތުގައި. އަނެއްކާ އަޅުގަނޑުމެން މިއަކަށް އެއްވެސް އެއްޗެއް އިތުރެއް ނުކުރަން. މިއީ އެބޭފުުޅުން އިތުރު ކުރެއްވި މާއްދާއެއް. އަޅުގަނޑުމެން ހަމަ މި އެ މާއްދާ ބައިންދާފައި (ށ) މި އުނި ކުރަނީ،" ޝަހީމް ވިދާޅުވިއެވެ.
ބައެއް މެންބަރުން ވަނީ އެ އިސްލާހު ސަރުކާރުން ހުށަހެޅީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.