ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ތުލުސްދޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަދު މެންދުރުފަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ތުލުސްދޫ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ރައީސް ޔާމީން ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން އަދުގެ ސަރުކާރަށް ޕްރެޝަރު އަންނަ ކަމަށް ވިދާޅުވެފައެވެ.
"މީޑިއާ އަށް މައުލޫމަތު ދިން ހިސާބުން [މ. އަތޮޅަށް ރައީސް ޔާމީން ވަޑައިގެންނެވި ދަތުރުފުޅުގެ ވާހަކަ] މިނިސްޓަރުން މ. އަތޮޅަކީ ވަރަށް ރަނގަޅަށް އެބޭފުޅުން ކަވާ ކުރާ، އެތަނުގެ ކަންތައްތަކާއި ހޮސްޕިޓަލުގެ ހާލަތާއި ފުޓްބޯޅަ ދަނޑުގެ ހާލަތާއި މި ކަންތައް ބެލުމަށްޓަކައި ދައުލަތް އެއްކޮށް މި ދުއްވައިގަންނަނީ އެ އަތޮޅަށް،" ދަތުރުތަކުގެ ސަބަބުން ސަރުކާރަށް ޕްރެޝަރުވާ ކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި ރައީސް ޔާމީން އަންނަނީ ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ މަސް ތެރޭގައިވެސް އެމަނިކުފާނު ވަނީ ތިން އަތޮޅަކަށް ވަޑައިގެންފައެވެ. އެ ދަތުރުތަކުގައި އެމަނިކުފާނު އަންނަނީ ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވުމަށް އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.