ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ބާތިލް ކުރާނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެކަމާއި ގުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ ދުވަސް ދުއްވާލުމަށް ސަރުކާރުން މަކަރުވެރި ރޭވުމެއްގެ ދަށުން ގެނެވުނު އިސްލާހުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ތިޔަ އިސްލާހުތައް ބާތިލު ކުރާނަން،" ޝުޖާއުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމާއި، ކުށްތަކަށް ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފައެވެ. ޓެރަރިޒަމްގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމަކީ ނުވަތަ އެކުށް ކުރުމަަށް އެހީތެރިވުމަކީ ނުވަތަ އެކުށް ކުުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި އުޅުމަކީ އަދި އެހީތެރިވުމާ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
16 ވަނަ މާއްދާގެ ދަށުން 'ހަނގުރާމައަށް ދިއުން' ކަމަށް ބުނެފައިވަނީ ބޭރުގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތް ނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމެވެ.
މި އިސްލާހުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދެވޭނެ ކަންކަން ވެސް ހިމަނާފައިވެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި، އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް، އދ. ނުވަނަ އދ. ގެ އެޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަ ދޭކަމެއް ކުރުމަށެވެ. ނަމަވެސް މިނޫން އެހެން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިއުމަށް އެފަދަ ސަރަހައްދަކަށް ދިއުން ކަމުގައި ބެލެވޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މި ކަންކަމުގެ ތެރެއިން ވެސް ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަދޭ ކަމެއް ކުރުމަށް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ އަދި މަޑުކުރެވޭނީ އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އިސްތިސްނާވެއެވެ.
ބިލު ހުށަހެޅިއިރު ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ބިލު ހުށަހެޅިއިރު ވަނީ ދީފައެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ނަމަވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބު ކޮމެޓީން ވަނީ ލުއި ކޮށްދީފައެވެ. ކޮމިޓީއިން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ކޮމިޓީ އިން ވަނީ އަދަބު ލުއި ކޮށްދީފައެވެ.
ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާ މެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖްރާއަތްތައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މީގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާއާމެދު އަމަލުކުރާނެ އުސޫލުތަކެއް ބަޔާން ކުރާ ހައްސަ ބާބެއް ބިލުގައި ވަނީ ހިމަނާފައެވެ.
މި އުޅޭ ސޮރެއް ދޯ. ވެރިކަން ނޫނީ ސަރުކާރު ލިބުނަސް އަދި ތިޔަ ކަމެއް ނުވާނެ. މަޖިލީހަކީ ވަކި ބާރެއް. ރިޔާސީ ކިޔަސް މި އެންމެން ތެޅެ ބާލަނީ ބަރުލަމާނީ ހަމަތަކެއްގައި. ނަން ވާނީ ނަޝީދު