ޓެރަރިޒަމްގެ ގާނޫނަށް މަޖިލީހުން ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް މާދަމާ ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިއީ މަޖިލީސް ޗުއްޓީއަށް ދިޔަފަހުން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ ތިންވަނަ ފަހަރެވެ. މަޖިލީހުގެ އެޖެންޑާގައި މާދަމާ އޮތީވެސް ޓެރަރިޒަމްގެ ގާނޫނު ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތު ކޮމެޓީން ފޮނުވާފައިވާ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމެވެ. އެއަށްފަހު މާދަމާ އެ ބިލަށް ވޯޓަށް އަހާނެއެވެ.
ޓެރަރިޒަމްގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމަކީ ނުވަތަ އެކުށް ކުރުމަަށް އެހީތެރިވުމަކީ ނުވަތަ އެކުށް ކުުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަަރަހައްދެއްގައި އުޅުމަކީ އަދި އެހީތެރިވުމާ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
16 ވަނަ މާއްދާގެ ދަށުން 'ހަނގުރާމައަށް ދިއުން' ކަމަށް ބުނެފައިވަނީ ބޭރުގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތް ނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމެވެ.
މި އިސްލާހުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދެވޭނެ ކަންކަން ވެސް ހިމަނާފައިވެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޯޓު އަމުރެއް ތަންފީޒު ކުރުމަށާއި، އެހެން ގައުމެއްގެ ސަރުކާރުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް، އދ. ނުވަނަ އދ. ގެ އެޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަ ދޭކަމެއް ކުރުމަށެވެ. ނަމަވެސް މިނޫން އެހެން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިއުމަށް އެފަދަ ސަރަހައްދަކަށް ދިއުން ކަމުގައި ބެލެވޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މި ކަންކަމުގެ ތެރެއިން ވެސް ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތަކެއް ކުރުން އަދި ސަރުކާރުން ހުއްދަދޭ ކަމެއް ކުރުމަށް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ އަދި މަޑުކުރެވޭނީ އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އިސްތިސްނާވެއެވެ.
ބލު ހުށަހެޅިއިރު ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެއެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ބިލު ހުށަހެޅިއިރު ވަނީ ދީފައެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ނަމަވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބު ކޮމެޓީން ވަނީ ލުއި ކޮށްދީފައެވެ. ކޮމިޓީއިން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ކޮމިޓީ އިން ވަނީ އަދަބު ލުއި ކޮށްދީފައެވެ.