އިންޑިއާގެ މަޝްހޫރު ބައެއް ފިލްމީ ތަރިންނާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ބައްދަލުކުރައްވަމުން ގެންދަވާތީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފާޑު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފު ވަނީ ބޮލީވުޑުގެ މަޝްހޫރު ފިލްމީތަރި އަމީތާބު ބައްޗަންއާ އަދި މަޝްހޫރު ކޮމޭޑިއަން ޖޯނީލެވާ އަދި ސެނިލް ޝެޓީ އާ ބައްދަލު ކުރައްވާފައެވެ. އަމީތާބާ ބައްދަލު ކުރެއްވުމަށްފަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ރިއަލިޓީ ޝޯއެއް ގެނައުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ. މަހްލޫފު މިފަދަ ބައެއް ފަރާތްތަކާއި ބައްދަލުކުރެއްވުމުން އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ޔޫތު މިނިސްޓަރަކީ މަޝްހޫރު ފަންނާނުންނާއި ކޮމޭޑިއަނުންނާ ވަރަށް ގަޔާވާ ބޭފުޅެއް ކަމަށެވެ. "ފެންނަ ފެނުމަށް އެ ވަޒީފާ މާ ގޯހެއް ނޫން" ޑރ. ޖަމީލް ވިދާޅުވެއެވެ.

ޑރ. ޖަމީލްގެ އިތުރުން ބައެއް އާއްމުންވެސް ވަނީ މިނިސްޓަރަކު އެފަދައިން އުޅުއްވަމުން ގެންދަވާތީ ފާޑު ކިޔާފައެވެ. ބައެއް ފަރާތްތަކުން މަހްލޫފު އަމިއްލަ ދަތުރުތަކުގައި ވަޑައިގަންނަވާއިރު އޭނާގެ ބޮޑީ ގާޑުންގެ ހަރަދު ކުރަނީ މަހްލޫފުތޯ ވެސް ވަނީ ސުވާލު ކޮށްފައެވެ. އެހެން ބައެއް މީހުން ބުނެފައިވަނީ މަހްލޫފް ވިދާޅުވެފައިވާ އެއްޗަކާ ވިދިގެންނެވެ. މަހްލޫފު ވިދާޅުވީ އޭނާ ކުރައްވާ އެފަދަ ދަތުރުފުޅުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެއް ނޫން ކަމަށެވެ.