ދިގުލާ ގޮސްފައިވާ އިސްރާއީލާ ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދގެ މެމްބަރު ގައުމުތަކުން ފެއިލްވެފައިވާކަން ފާހަގަކުރައްވާ، އެކަމާ ހިތާމަކުރައްވާކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ކުރިއަށްދާ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރައްވަމުން ރައީސް ސޯލިހު އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

ަރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ ގެ 74 ވަނަ އާންމު ޖަލްސާގައި ތަގުރީރު ކުރައްވަނީ

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހުވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިސްރާއީލުން އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

1967 ވަނަ އަހަރުގެ ސަރަހައްދީ އިންތަކުގެ މިލްކުވެރިކަމާއެކު، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި ފަލަސްތީނު އުފެދިގެން ދިއުމަށް ދިވެހިރާއްޖެއިން އެދޭކަންވެސް ރައީސް ސޯލިހުގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްތީނާ ދިވެހި ހާރިޖީ ސިޔާސަތު

އދގެ އާންމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާއީދުކޮށް، ފަލަސްތީނު މައްސަލައިގައި އެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި ފަލަސްތީނާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދެމުންދާނެ ކަމުގެ ޔަގީންކަން ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ ދެއްވާފައެވެ.

ފަލަސްތީނުގެ މައްސަލަގައި ދިވެހިން ތިބީ އެގައުމާއި އެކުގައިކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާ ގުދުސްއަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ދިވެހިރާއްޖެއިން ދެކޮޅު ހަދާ ކަންކަން ކަމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މިދަނޑިވަޅަކީ އިސްރާއީލުގެ އާންމު އިންތިހާބުގައި ކުރި ލިބިއްޖެނަމަ ހުޅަނގު އައްސޭރީގެ އުރުދުން ވާދީ އިސްރާއީލުގެ ދަށަށް ގެންދާނެކަމުގެ އިންޒާރު، އިސްރާއީލުގެ ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ ދީފައިވާ ދަނޑިވަޅެކެވެ. ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނަތަންޔާހޫގެ ޕާޓީއަށް އަދި ކުރި ލިބޭ ގޮތެއް ނުވެއެވެ. ނަތަންޔާހޫ ވަނީ މިހާރު ކުރިއަށްދާ އދގެ އާންމު ޖަލްސާގައި ބައިވެރި ނުވާނެކަންވެސް ހާމަކޮށްފައެވެ.