ސައިރިކްސް ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި ގާއިމްކުރާ ޝްރިމްޕް (ޑިނގާ) ފާމުގެ ދިރާސާތައް ހަދާ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ސައިރިކްސްއިން މީގެ ކުރިން ބުނީ ތައިލެންޑްގެ އަވަށެއްގައި ކުރިއަށް ގެންދާ މޮޑެލެއް އަސްލަކަށް ބަލައިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ހަދާ ޑިނގާ ފާމް ހެދުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ ޔުނިވާސިޓީ އަކުން މި މަހުގެ ތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތަކީ ސައިރިކްސް ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިރާސާ ކުރުމަށް ރާއްޖެ އައި ޓީމު މާދަމާ އައްޑޫ ސިޓީ ހުޅުމީދޫއަށް ދާނެ ކަމަށާއި އެ ދަތުރުގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މާދަމާ ރޭ އައްޑޫ ސިޓީ ހުޅުމީދޫގައި އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުމެއްގައި ޑިނގާ ފާމުގެ ދިރާސާ ހަދާ ޓީމުން ބައިވެރިވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް މީގެކުރިން ވިދާޅުވެފައި ވަނީ ހުޅުމީދޫ ޖަމްއިއްޔާތަކާ ގުޅިގެން ޑިނގާ ފާމު ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ މާހިރުންގެ ޓީމެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެެ އަންނާނެ ކަމަށެވެ. އަދި މި ދިރާސާގެ ހުރިހާ ހަރަދެއް ކުރާނީ ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޝްރިމްޕް ފާމް ގާއިމް ކުރުމަށް ބޭނުންވާ ތަޖްރިބާކާރުންގެ ދިރާސާއަށްފަހު އެ މަސައްކަތް އަމަލީގޮތުން ފަށައިގަނެވޭނެ ކަމަށެވެ. އަދި މި މަސައްކަތަށް ހުޅުމީދޫގެ ކުޅި ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތަޖުރިބާކާރެއް ވަރަށް އަވަހަށް އައްޑުއަށް ވަޑައިގެން އެތަނުގެ ވެއްޔާއި ފެނުގެ ހާލަތު ބަލައި އެ މަސައްކަތް ކުރެވިދާނެތޯ ބައްލަވާނެ ކަމަށާއި ޕްރޮޖެކްޓުގެ އަނެއް ފިޔަވަހި ފަށައިގަންނާނީ އެ މަސައްކަތަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.