ސައިރިކްސް ކޮލެޖުގެ 2025 ވަނަ އަހަރު 700 އަށް ވުރެ ގިނަ ކުދިން ދަސްވެނިވެއްޖެއެވެ.

ސައިރިކްސް ކޮލެޖުން ބުނީ ޑިޕްލޮމާ އަދި ސެޓިފިކެޓް ލެވެލް ކޯސްތައް ހިމެނޭހެން 703 ދަރިވަރަކު ސައިރިކްސް ކޮލެޖުން ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައިވާކަމަށާއި މިކޯސްތަކުގެ ތެރެއިން ސައިބާ ސެކިއުރިޓީ މާސްޓާސް ޑިގްރީއަކީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގި ފުރަތަމަ ކޯސް ކަމަށެވެ.

ސައިރިކްސް ކޮލެޖުން ބުނީ ސައިރިކްސް ކޮލެޖުގެ ކޮންވޮކޭޝަން 2025ގައި، 2023 އަދި 2024 ވަނައަހަރު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އަދި މާކެޓިން ދާއިރާތަކުން، ބެޗްލާސް ޑިގްރީ އަދި ބިގްޑޭޓާ އެންޑް ޑޭޓާ ސައިންސް، ސައިބާސެކިއުރިޓީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ކޯސްތަކުން 250 އަށްވުރެ ގިނަކުދިން ދަސްވެނިވެފައިވާކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭޢްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވަނީ ސައިރިކްސް ކޮލެޖްގެ ފާއިތުވި 32 އަހަރު ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް އެކަމަށްޓަކައި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފަށާއި މެނޭޖްމަންޓަށް ވަރަށް ހާއްސަ މަރުހަބާއެއް ދަންނަވާފައެވެ. މީގެއިތުރުން ސައިރިކްސް ކޮލެޖަކީ އެންމެ ދުވަސްވީ އެއްކޮލެޖު ކަމަށާއި، ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް އެ ކޮލެޖުން ކުރަމުން ދާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ތަފާތު ކޯސްތައް ފުރިހަމަކޮށް ހޯދާ ސެޓްފިކެޓަކީ ކާމިޔާބީ ޔަގީންކޮށްދޭ ކަމެއް ނޫންކަމަށާއި، އެއާއިއެކު ހިލްމާއި ހުނަރު އަދި ރިވެތި އަހުލާގު މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި މީހުން ބިނާކުރުމަކީ ހަމައެކަނި އިންސްޓިޓުއުޝަނަކުން ކުރަންޖެހޭ ކަމަކަށްވުރެ ހުރިހާ ފަރާތެއް ހިމެނޭހެން މުޅި މުޖުތަމައުގެ ޒިއްމާއެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

ސައިރިކްސް ކޮލެޖުން ބުނީ މި ރަސްމިއްޔާތުގައި ޗެއާމަންސް އެވާޑް 23 ކުއްޖަކު ހާސިލުކޮށްފައިވާކަމަށާއި، އަދި އަލްމަރުހޫމާ އޮގަރު ފާއިޒާ އަލީ އެވޯޑު ފޯ އެކްސެލެންސް އާއިއެކު އެއާއިލާއިންދޭ ފައިސާގެ އިނާމާއި ކޮލެޖުކައުންސިލް މެޑަލް ހާސިލުކުރި އެންމެ މޮޅު ދަރިވަރަކީ ބެޗްލާ އޮފް ސައިކޮލޮޖީގެ ފާތިމަތު ސައިފާކަމަށެވެ.

އަދި އަލަށް ތައާރަފު ކުރެވުނު "އަބުދުﷲ އެންޑް ޝައިމާއު މެމޯރިއަލް ސްކޮލާޝިޕް" ޓެކްލޮޖީގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ 2 ޖަމިއްޔާކަމަށްވާ، ވިމެން އިން ޓެކް މޯލްޑިވްސް އަދި އައިޓްރިޕްލްއީ މޯލްޑިވްސް ސަބުސެކުޝަނާ ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.