ފިލްމެއްހެން ސަރުކާރުގެ މަޝްރޫއުތައްވެސް އަންނަނީ، އަންނަނީ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް 'ކުރުދޮށިން' ދެއްވައިފިއެވެ.

ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކޯލިޝަނުން "ދަވާލައިފި" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އެންމެ ހިތްގައިމު ތިއޭޓަރަކަށް ގޮސް ސްކީރް ބަލަހައްޓައިގެން ތިއްބާ އެންމެ މަގުބޫލު ފިލްމު އަންނަނީ، އަންނަނީ ކިޔާ ފަދައިން ސަރުކާރުން ހިންގަން ބުނި ތަރައްގީގެ މަޝްރޫއުތައް ވެސް 'އަންނަނީ، އަންނަނީ' ކަމަށެވެ. އަދި ކަން މިހެން ވުމުން 'ރައްޔިތުން އަންނަނީ ހިނި' ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހްލާސްތެރިކަމުގެ ކަންފުޅެއް ވެސް ހުރިނަމަ ރަށްރަށަށް ވަޑައިގެން، ވެ ވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ވައުދުފުޅުތައް ފުއްދެވުމަށް އެއްވެސް ކަމެއް ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު މި ސަރުކާރަށް އެއް އަހަރު ވެގެން ދާއިރު މި ސަރުކާރުން ބުނަނީ އަދިވެސް 'އަންނަނީ އަންނަނީ' ކަމަށެވެ.

"އިންޓަނެޓްގެ އަގަށްވެސް ވަރަށް އުފާވެރި ހަބަރެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނި، އަދިވެސް އަންނަނީ އަންނަނީގައި، މަޝްރޫއުތައް ވެސް ހަމަ އޮތީ އަންނަނީ އަންނަނީ ގައި" ރައީސް ޔާމީނުގެ ވާހަކައިގައި ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކޮންމެ ކަމެއް ނުވެ އޮންނަނީ ކުރީގެ ސަރުކާރުން އެކަމެއް ނުކުރީމައި ކަމަށް މިސަރުކާރު ބުނާ ކަމަށެވެ. އެގޮތުން، ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން އުޅެނީ ކުރީ ސަރުކާރުން 'ތަރައްގީގެ ފޮތް ބާއްވާފައި ނެތީމައި' ކަމަށް ބުނާ ކަމަށެވެ.

"ކުރީ ސަރުކާރުން ތަރައްގީގެ ފޮތް މި ސަރުކާރަށް ނުފެންނާނެ، ފެނުނަސް އެ ފަހުމެއް ނުވާނެ" ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރި ގޮތަށް މިސަރުކާރަށް އެކަން ކުރަން ނޭނގޭނެކަން ދޭހަވާ މޭރުމަކުން ރައީސް ޔާމީނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ތަރައްގީގެ ވިސްނުމަކީ ޖަޒީރާ ވިސްނުމެއް ނޫން ކަމަށާއި، އަދި ގޮނޑުދޮށުގައި މަސް ފެކްޓްރީ ހެދުމަށް ވިސްނުންވެސް ނޫން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ވިސްނީ ބްރިޖް އެޅުމަށާއި، 25 ބުރީގެ އިމާރާތް ކުރުމަށާއި އޭ 380 ޖައްސާ ވަރުގެ ރަންވޭތައް އެޅުމަށް ކަމަށް ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުން ނިންމީ މެދު އުޑުގައި ފިޔަ ޖެހަން ކަމަށެވެ.

މިރޭގެ އެއްވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން އާންމު ބައެއް މެންބަރުން ބައިވެރިވިއެވެ.