ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސް އުފެއްދުމުގައާއި އަދި ދެމެހެއްޓުމުގައި ދިވެހިންތަކެއް ބައިވެރިވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 250 އަށްބވުރެ ގިނަ ދިވެހިން އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެތަކެއް ޒުވާން އަންހެން ކުދިންތަކެއް އައިސިސްގެ ހަނގުރާމަވެރިންނަށް ވިއްކާލާފައިވާ ކަމަށެވެ.
"ދިވެހިރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސްއަށް ފޮނުވުނީ ދިވެހިރާއްޖޭގައި އެ ޖަމާއަތުގެ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގިގެން. ދިވެހި ދައުލަތެއްގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދާ، އެ އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ މައްޗަށް ގަދަކުރަމުން ގެންދިޔައީ، ދިވެހި ދައުލަތް ފޮޅި ކުރަމުން ގެންދިޔައި،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް އެ އަނދިރި ދައުލަތްތަކުގެ ބާރު ވަންނަމުންދާ ކަމަށެވެ. ދެހާސް ތޭރަވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް 26 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަރުތައްވެސް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށް ކަމަށެވެ. އެއިން ކޮންމެ މީހެއްވެސް މަރާލާފައި ވަނީ މަރާލާނެ ކަމަށްބުނެ މާކުރިން އިންޒާރުވެސް ދީފައި ވަނިކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތަކާއި އެއްގޮތަށް. އަނދިރި ދައުލަތުގެ ފިކުރުތަކާއި ހުށަހެޅުންތަކާއި ދެކޮޅަށް ބަސްބުނާ މީހުން އެ ދައުލަތުގެ ފަރާތުން ފާހަގަކުރޭ. ބަސް ބުނާ މީހުންގެ ބޮލުގައި ދީނާއި ހިލާފުވުމުގެ އިލްޒާމް އަޅުވާ. އެމީހުން މަރަން ވެއްޖެ ކަމުގެ ހުކުމް ނެރެނީ ދީނުގެ ނަަމުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަންނަ ބޭކަލުންގެ ހެދުމުގައި ތިބޭ މީހުންގެ ނިންމުންތައް ތަންފީޒު ކުރަނީ މާލޭގެ މަގުތައް މަތީގައި ތިބޭ ގޭންގުތަކުން ކަމަށެވެ. ގޭންގުތަކުން އެފަދަ ކަންކަން ކުރަނީ އަނދިރި ދައުލަތްތަކުގެ ބާރުތަކާއި ގުޅިގެން ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.