ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މ. މުލީގައި މިއަދު އެއާޕޯޓު ހުޅުވާފައިވާ ދަނޑިވަޅެއްގައެވެ. އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެކަމަކު ގިނަ ރަށްރަށުގައި އެއާޕޯޓު އެޅުމަކީ ގޯހެއް ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީި ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
އެގޮތުން ބައެއް ރަށްތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ގދ. ތިނަދޫއާއި ރ. ފައިނުގައިވެސް އެއާޕޯޓު އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު ޔާމީން ވެރިކަމުގައި ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ކޯޓަށް މައްސަލަވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް އެ މައްސަލައަށް ބެލުމެއްނެތި އެރަށު ކުޅިން ބޮޑު ބައެއް ހިއްކާ އެއާޕޯޓު ވަނީ އަޅާ ނިންމާ ދަތުރުތައްވެސް ކުރަން ފަށާފައެވެ.
އަދި ހަމައެހެންމެ ތިނަދޫގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏަކާ އެކު ސޮއިކުރި ނަމަވެސް ފަހުން ވަނީ އެ މަޝްރޫއު ހުއްޓާލައި ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލައި އެ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ނިންމާފައެވެ.
މީގެ އިތުރުން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. ނަމަވެސް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން ނާޅަން އެ ސަރުކާރުން ނިންމީ އެ އެއާޕޯޓު ނޭޅުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 20 އެއާޕޯޓެއް އޮޕަރޭޓު ކުރަމުންދާއިރު ގާތްގާތުގައި އެކި އެކި އެއާޕޯޓުތައް ތަރައްގީ ކުރަމުންދާ ކަމަށް ބުނެ މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.