ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އާ ދެމެދު މުއާމަލާތް ކުރި ކަމަށް ބުނެ ފަތުރަމުންދާ ހަބަރުގައި ހުރި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި މުއުތަސިމްގެ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި 6 ވަނަ އިސްލާހްގެ މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އެމަނިކުފާނަށް ގުޅުއްވި ކަމަށް ބުނެ ރާއްޖެ އެމްވީން ފަތުރަމުންދާ ހަބަރާ ގުޅިގެންނެވެ.

ރާއްޖެ އެމްވީން ޝާއިއު ކުރި ހަބަރުގައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރާ ނިންމައި އެކަން މުއުތަސިމްއަށް ވަނީ އަންގާފައެވެ. އެއާއެކު މުއުތަސިމް އަދުނާން ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި އިރު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު މުއުތަސިމް އަށް ދެންނެވި ކަމަށާއި އެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައި ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަލިފުން ޔާ އަށް އޭގައި އެހަރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އުއްތަމަ ފަނޑިޔާރަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ ވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސް ޕެންޑް ކުރި މައްސަލައިގައި އުއްތަމަފަނޑިޔާރު ވަކި އެއްޗެއް ވިދާޅުވެފައި ނުވާތީ އެތައް ބަޔަކު އަންނަނީ މުއުއތަސިމްއަށް ފާޑި ވިދާޅުވަމުންނެވެ. ނަމަވެސް ފަނޑިޔާރުން ސަސްޕެންޑް ކުރި ފަހުން މުއުތަސިމް ވަނީ އެ މަގާމުން ރިޓަޔާ ވުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ. .

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގައެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. މުއުއތަސިމްއަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.