އެމްޑީޕީން އެދުނު ދައުރުން ބޭރުގައި ބާއްވާ ޖަލްސާ މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ‫ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު އޮންނާނެ ކަމަށެވެ. މާދަމާ އޮންނަ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ޖަހާއިރުއެވެ. މީގެ އިތުުރން ޖަލްސާގައި ދެން އެެޖެންޑާކޮށްގައިވަނީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ހަފްތާގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިހަފްތާ ނިމެންދެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމަވާ އެގޮތަށް އަމަލު ކުރައްވާފައެވެ.

ނަމަވެސް ދައުރު ނިންމަވާލައްވަމުން ވެސް ނަޝީދު ވަނީ ޖަލްސާއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭ ގޮތަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކޮންމެ ހާލަތެއްގައި ވެސް، 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ) ގެ މަސައްކަތް ޗުއްޓީގެ ހުރިހާ ދުވަހެއްގައި، ހުއްޓުމެއްނެތި ކުރިއަށް ގެންދަވާ ގޮތަށް ހެއްދެވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެއީ މަރުތަކާ ގުޅޭ ރިޕޯޓުގެ މަސައްކަތް ކޮމިޓީއާ ހަވާލުވެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ހުށަހެޅި އިރު، ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން، އޭގެ އަސްލު ޓެރަރިސްޓުންނާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިޔުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ މުޅިން އެހެން ދިމާއަކަށް ކަމަށެވެ.

"އެހެންވީމާ، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ. ހަމައެއާއެކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް. ފުރަތަމަ ހައްޔަރުކުރުމަށްފަހުގައި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ،"
ރައީސް

ރިޟްވާންގެ މައްސަލައިގައި ސަލާމަތީ ބާރުތަކާ، މަރުކޮމިޝަނާއެކު އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވިދާޅުވީ ސާފުވެގެން ދިޔައީ، މިފަދަ ބޮޑު ކަމެއް ޓެރަރިޒަމާ ގުޅޭ އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު، ތަހުގީގުކޮށް ނިމި، އަދި ޝަރީއަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށެވެ. އަދި އެ ޖާގަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ޕޮލިހަށާއި، އަދި ޕްރޮސިކިއުޓާ ޖެނެރަލަށާއި، އަދި ކޯޓުތަކަށް ވެސް ލިބިދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.