ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އަދިވެސް ފުރުސަތު ދޭން ޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައިސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ތަރައްގީގެ ކަންކަން ކޮށްދިންތޯ ނުވަތަ ނޫންކަން މިނާނީ، އެ ސަރުކާރެއް ނިމުމުން ކަމަށެވެ. އަދި އެކި ބޭފުޅުންނަކީ ތަފާތު ބޭފުޅުން ކަމަށާ، ސަރުކާރު ހިންގުމުގައި އަވަސް ބޭފުޅުންނާއި ލަސް ބޭފުޅުން ވެސް އުފުޅުއްވާނެ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ވި ވައުދުތައް ފުއްދުމަށް އަދިވެސް ދުވަސްކޮޅަކު ފުރުސަތު ދޭން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"މިހާރު ދަންނަވަންތޯ، މަގުމަތީގައި ހިނގާއިރު ވެސް އެކި މީހުން ހިނގާނީ އެކިވަރަށް. ވަރަށް ބާރަށް ހިނގާ މީހުން ވެސް އުޅޭނެ، އެއީ ތޮބީއީ ގޮތުން. ތަންކޮޅެއް މަޑުން ދާ މީހުން ވެސް އުޅޭނެ. އަޑުގަދަ މީހުން އުޅޭނެ އަދި އަޑު މަޑު މީހުން އުޅޭނެ. ހަމަ އެގޮތުން ސަރުކާރު ހިންގުމުގެ ވައްޓަފާޅި ވެސް ތަފާތުވާނެ،"
ޣައްސާން

ޣައްސާން ވިދާޅުވީ ސަރުކާރެއްގެ މިންގަނޑު މިނަން ޖެހޭނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކޮށް، ފުރިހަމަ ކުރެވިފައި ހުރި ކަންތައްތަކަށް ބަލާފައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މަސައްކަތްތައް ހަލުވިވެފައި ރައީސް ސޯލިހުގެ ސަރުކާރުގައި މަސައްކަތްތައް ހިނގާލެއް ލަސްކަމަށް ބުނާ މައްސަލައަށް، ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ އާދަޔާ ހިލާފު ބޭފުޅެއް ކަމަށެވެ. އަދި އެހާ ހަލުވިކޮށް، ހުރިހާކަމެއް ރައީސް ޔާމީން ގެންދެވުމުން، ދެން ވަޑައިގަންނަވާ ކޮންމެ ބޭފުޅެއް އެހެން ހައްދަވާނެ ކަމަށް ނުވަތަ އެ މިންގަނޑުން މިނުމަކީ އެބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ހަގީގަތުގައި އެމްޑީޕީ ސަރުކާރު އެ ހިނގަނީ ވަރަށް ބާރާއެކު. ސަރުކާރު ހިންގެވުމުގެ ބާރާއި، މަޖިލީހުގައި ހީ ނުކުރާހާ ވެސް ސުޕަމެޖޯރިޓީއަކާއެކުގައި. މިފަހަރު އެބޭފުޅުން ފަސް އަހަރުގެ ދައުރުގައި ވިދާޅުވި ހުރިހާ ވައުދެއް ފުއްދަވާ ދެއްވަން ޖެހޭނެ. އެކަން ނުކުރެވިއްޖެއްޔާ ދެއްކޭނެ އިތުރު ބަހަނާއެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން،"
ޣައްސާން

ޣައްސާން ވިދާޅުވީ އިދިކޮޅު ޕާޓީގެ ގޮތުގައި ފަސް އަހަރުވަންދެން ޕީޕީއެމް-ޕީއެންސީން ތިބެންޖެހޭނީ ބަލަން ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަކީ ނުކުމެގެން ސަރުކާރެއް ވައްޓާލަން މަސައްކަތްކުރާނެ ބައެއް ނޫން ކަމަށާއި، މަސައްކަތް ކުރައްވާނީ ސަރުކާރު ޖަވާބުދާރީކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއް އަހަރު ހަމަވުމުން، މިއަށްވުރެ ސްޕީޑް އަވަސްކުރެވޭތޯ ސަރުކާރުގައި ދެންނެވޭ ގޮތްތަކަށް އިދިކޮޅު ފަރާތެއްގެ ގޮތުން ދެންނެވޭނީ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ސަރުކާރުގައި ގޮތް ނިންމާ ބަސް ބުނާ ފަރާތަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ބައެއް ފަރާތްތަކުންނާއި، އިދިކޮޅުން ބުނާ މައްސަލައިގައި ޣައްސާން ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެން ހުންނަވައިގެން، ރައީސް ސޯލިހު ބަސްފުޅު ވިދާޅުވުމުގެ ކުރިން، މަޖިލީހުގެ ރައީސް ނަޝީދު ބަސްފުޅު ވިދާޅުވުމަކީ، އެކަން އެގޮތަށް ހިނގިކަމުގައިވީ ނަމަވެސް އެކަން އޮންނަންވާނެ ގޮތެއް ނޫން ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ވެރިމީހާއަކީ އަބަދުވެސް އެއިރު ހުންނަވާ ރައީސް ކަމަށާއި، އެހެންކަމުން ކޮންމެ ބޭފުޅަކު ކޮންމެ ކަމެއް ކުރެއްވިޔަސް މި ވެރިކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ސޯލިހު ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި ދައުރު ނިމޭއިރު ކަމެއް ވެފައި ނެތްނަމަ އެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހު ކަމަށް ޣައްސާން ވިދާޅުވިއެވެ.