އައްޑޫ ސިޓީގެ ކަރަންޓަށް އެރަށުގެ ރައްޔިތުން ބޭނުންވަނީ ވަގުތީ ހައްލެއް ނޫން ކަމަށާ ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅެއްޖެއެވެ.
އައްޑޫ ސިޓީއަށް މިއަދު ހަވީރު 5:00 އިން ފެށިގެން ކަރަންޓެއް ނުލިބެއެވެ. އައްޑޫ ސިޓީއަކީ މާލެއަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. އެ ސިޓީއަކީ ކަރަންޓުގެ މައްސަލަ ބޮޑު ސިޓީއެކެވެ. ދޭތެރެ ދޭތެރެއިން އެ ސިޓީން ކަރަންޓު ކަނޑައިގެން ދެއެވެ.
އައްޑޫ ސިޓީއަށް ކަރަންޓު ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަސްލަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެނަކައަށް އައްޑޫ ސިޓީގެ ކަރަންޓަށް ހައްލެއް ގެނެސްދެވޭތަން ނުފެންނަ ކަމަށެވެ.
އައްދޫ ސިޓީގައި ކަރަންޓު ނެތްތާ ހަ ގަޑިއިރު ވެފައި ވާއިރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ މަގުމަތީގައި ބައެއް ކުދިން ނިންދަވަން ގޮދަޑި އަޅާފައިވާ މަންޒަރެވެ. އަދި މިކަމުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައްވެސް ވަނީ ހުއްޓާލައިފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލު ނުވެ، އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
"މިއީ އަޅުގަނޑުމެން މިހާރުން މިހާރަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހިފައި ހުރި ކަމެއް. އެގޮތުން އެއީ ފެށުމެއް ކަމަށް ތިބޭފުޅުން ބައްލަވާ، މި ސިޓީގެ ކަރަންޓުގެ މައްސަލަ އިރާދަކުރެއްވިއްޔާ ދާއިމީ ހައްލު ކުރެވޭ ކަހަލަ ގޮތަކައް މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ފެނަކައިން މީގެކުރިން ބުނެފައިވަނީ ކައިރި މުސްތަގުބަލެއްގައި އައްޑު އަށް 4 މެގަވޯޓާއި 2 މެގަވޯޓް ގެ ދެ ޖެނެރޭޓަރު ސެޓް ވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ކައުންސިލް އިންތިޚާބު އިޢުލާން ނިކެރަ ތާދީ؟