ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސްއިން ބަލަން ފަށައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަހުމަދު ނުއުމާން މިއަދު ވިދާޅުވީ، ރާއްޖެއަށް ވެހިކަލް އެތެރެކުރި މައްސަލަ ކަމާ ގުޅުން ހުރި އެހެން ގައުމުތަކުގެ ކަސްޓަމްސްއާއި މުއައްސަސާތަކާ ގުޅިގެން ބައްލަވަމުން ގެންދަވާ ކަމަށެވެ. ނުއުމާން ވިދާޅުވީ އެ ތަހުގީގު ކުރިއަށް ދާއިރު ނުބައްލަވާ ދޫކޮށްލާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށެވެ. އަދި ސިއްރު ކުރަންޖެހޭ އެއްވެސް މައުލޫމާތެއްވެސް ނުބަހައްޓާނެ ކަމަށާ ހުރިހާ މައުލޫމާތެއްވެސް އާއްމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްއިން މީގެކުރިން ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ލަކުޑި އެތެރެ ކުރި ކަމުގެ ނަމުގައި ގެނެސްފައިވާ ދެ ކޮންޓެއިނަރެއްގެ ތެރޭގައި ކާރާއި ސައިކަލުތަކެއް ރާއްޖެއަށް ވަގަށް އެތެރެ ކުރަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ވަގަށް އެތެރެ ކޮށްފައި ވަނީ ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނުގެ އިތުރުން 14 ސައިކަލު ކަމަށެވެ. ފުލުހުންނާއި ގުޅިގެން ކަސްޓަމްސްއިން ހިންގި މި އޮޕަރޭޝަންގައި ހިފެހެއްޓި މުދަލުގެ އަގު ފަސްލައްކައަށް ވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ ތަކެއްޗަށް ވާ ޑިއުޓީގެ އަގު 558،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.