ދިވެހިރާއްޖެއިން އިތުރު 4 މުއާހަދާއެއްގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް މިއަދު ރައީސް ހުށައަޅުއްވައިފިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ސޮއި ކުރުމަށް ނިންމެވި 4 މުޢާހަދާއަކީ "ޔުނައިޓެޑް ނޭޝަންސް އާމްސް ޓްރޭޑް ޓްރީޓީ" އާބެހޭ މުއާހަދާއާއި، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓާ މިއުނިޝަންސް ޕްރޮސީޖަރ" އާބެހޭ މުއާހަދާއާއި، "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއާ ވެޕަންސް" އާބެހޭ މުއާހަދާއާއި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރިސީޖަރ (އޯ.ޕީ.ސީ.އާރ.ސީ)" އާބެހޭ މުއާހަދާއެވެ.
ރައީސް އޮފީހުން ބުނީ މި 4 މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެ 4 މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ދެއްވާފައިވާތީ ކަމަށެވެ. މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" މުޢާހަދާއާ ބެހޭގޮތުން ކުރެވުނު މަޝްވަރާގައި، ކެބިނެޓުން ވަނީ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ސުލްހަޔަށް ބައިނަލްއަގުވާމީ ފޯރަމްތަކުގައި އަޑުއުފުލާ ގައުމެއްކަން ފާހަގަ ކުރައްވައި، ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުއާހަދާ ފާސްކުރުމަށް ނެރުނު ގަރާރަށް ތާއީދުކޮށް ވޯޓުދީފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މަދަނީ ހަމަޖެހުމާއި ސަރަހައްދީ ގުޅުންތަކަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ވާއިރު، ކޮންވެންޝަނަލް ހަތިޔާރުގެ މުއާމަލާތްތައް މޮނީޓާ ކުރެވޭނެ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފެނިވަޑައިގަންނަވާކަމުގައި ވަޒީރުން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް" މުއާހަދާއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުއާހަދާ ޕްރޮމޯޓް ކުރުމަށް ފާސްކޮށްފައިވާ ގަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން މެންބަރުން ފާހަގަކުރައްވާފަވާކަމަށާއި، ސީރިޔާގައި ކްލަސްޓާ މިއުނިޝަންސް ބޭނުންކުރުން ކުށްވެރިކޮށް އ.ދ. ގެ އާންމު މަޖިލީހާއި، ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފައިވާ ގަރާރުތަކަށް ރާއްޖެއިން ތާއީދުކޮށް، 2019 ވަނަ އަހަރުގެ މާޗް މަހު ހިއުމަންރައިޓްސް ކައުންސިލްގެ ގަރާރު ދިވެހި ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައިވާކަންވެސް ވަޒީރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހިރާއްޖެއަކީ ކްލަސްޓާ މިއުނިޝަންސް ނެތް ގައުމަކަށް ވެފައި، ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަން ގެ ކަންކަމަށް ބައިނަލްއަގުވާމީ މައިދާނުގައި އަބަދުވެސް ތާއިދުކުރަމުންދާ ގައުމަކަށްވާތީއާއި ރާއްޖެއަކީ ނޮން-ޕްރޮލިފަރޭޝަން ޓްރިޓީ ގެ މެންބަރު ގައުމަކަށް ވާތީ ވަޒީރުންގެ މަޖިލީހުން މި މުއާހަދާގައި ސޮއިކުރެއްވުމަށް ފެނިވަޑައިގަންނަވާކަމުގައި ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
"ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ބެހޭ ގޮތުން ވަޒީރުން ދެއްކެވި ވާހަކަފުޅުގައި މިދަފަ މުއާހަދާއެއް އޮތުމަކީ މުޅި އިންސާނިއްޔަތުގެ ލާބަޔާ މަންފާއާ ގުޅުންހުރި ކަމެއްކަމަށާއި، ރާއްޖެ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށް ވެފައި ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަންގެ ކަންކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ތާއީދުކުރަމުންދާތީ މި މުއާހަދާގައި ސޮއިކުރުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖަރ (އޯ.ޕީ.ސީ.އާރު.ސީ)" މުއާހަދާއާ ބެހޭގޮތުން ވަޒީރުން ކުރެއްވި މަޝްވަރާގައި ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމަކަށްވެފައި ރާއްޖެއަކީ ސީ.އާރު.ސީ ގެ މެމްބަރު ގައުމަކަށް ވާތީ އެ މުހައާދާއަށް އަމަލުކުރެވެން އަންނަނީ މި ޕްރޮޓޮކޯލް ތަސްދީގު ކޮށްގެން ކަމުގައި ވާތީ، މި މުއާހަދާގައި ސޮއި ކުރެއްވުމަކީ ބޭނުންތެރިކަމެއްކަމުގައި ވަޒީރުން ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.