ކުރީގެ ނާއިބު ރައީސް އަހުމަދް އަދީބު ރާއްޖެއިން ފިއްލަވައިގެން ވަޑައިގެންނެވި މައްސަލާގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލައިފި އެވެ.

ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އުޅުއްވަނިކޮށް ހައްޔަރުކޮށްފައި ވަނީ މި މަހުގެ އެއްވަަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ޓަގު ބޯޓެއްގައި ފިއްލަވަން އުޅުއްވަނިކޮށް އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިންނެވެ.

އަދީބު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނައީ ދިވެހި ފުލުހުންނާއި ސިފައިންނެވެ. އަދި އެރޭ އޭނާ ރާއްޖެ ގެނައި ގޮތަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށްވެސް ގެންދިޔައެވެ. ނަމަވެސް އެރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭނާ ދޫކޮށްލީ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

ނަމަވެސް ފަހުން އިތުރު ކޯޓު އަމުރެއް ހޯދައިގެން ފުލުހުން އަނެއްކާވެސް އަދީބު ހައްޔަރުކުރިއެވެ. އަދި އޭގެފަހުން އޭނާ ދޫނިދޫއަށް ގެންދިޔައެވެ.