އައްޑޫސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ހަފްލާގައި ބައެއް ރައްޔިތުން ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ބައްދަލުވުން ހޫނުވެ، އެ ތަނަށް ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ މެންބަރުން ބައްދަލުވުން ދޫކުރައްވާ ވަޑައިގެންފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގާއި (ސޯބެ)، ޑެޕިއުޓީ މޭޔާ މުހައްމަދު ޔަސްރިފްގެ އިތުރުން ކައުންސިލްގެ އެހެނިހެން އިސް ފަރާތްތައް ވެސް ބައިވެރިވި އެވެ. އަދި އައްޑޫގެ ބައެއް މަޖިލިސް މެމްބަރުންވެސް މި ހަފްލާގައި ބައިވެރި ވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި، އަދި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހިމެނެއެވެ. މި ބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ އައްޑޫގެ ގިނަ ރައްޔިތުން ބަިއވެރިވެފައި ވެއެވެ.

މި ބައްދަލުވުމުގައި އައްޑޫގެ ރައްޔިތުން ވާހަކަ ދައްކަމުން މި ސަރުކާރުންވެސް ކުރާ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރުމުން ރޮޒައިނާ ވިދާޅުވީ ސަރުކާރުން ކަންކަން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެއަށް ރައްދު ދީ އާންމު ރައްޔިތަކު ވަނީ މި ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލުކޮށްފަ އެވެ. އަދި އައްޑޫ ތަރައްގީ ކުރުމަށް މި ސަރުކާރުގެ ޕްލޭނަކީ ކޮބައިތޯ ކައުންސިލްގެ މޭޔަރު ސޯބެއާވެސް ސުވާލު ކޮށްފައި ވެއެވެ. އަދި އައްޑޫއަށް ބަދަލު ވާން ބޭނުންވިޔަސް އެތަނުގައި އެއްވެސް ކަހަލަ ވަޒީފާއެއް ނެތް ކަމަށާ، ބިކަ ހާލުގައި އައްޑޫ ރައްޔިތުން މިތާ ތިބެންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށް މީހަކު ވަނީ ބުނެފައެވެ. އަދި އައްޑޫގެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ނަމުގައި އޮތްނަމަވެސް އެތަނުން ލިބޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެން ރަނގަޅު ވެގެން ދާނީ ކޮން ދުވަހަކުންތޯވެސް ސުވާލުކޮށްފައި ވެއެވެ.

އައްޑޫގެ ރައްޔިތުންގެ އެތަކެއް ޝަކުވާތައް ހަމައެކަނި މިރޭގެ މި ބައްދަލުވުުގައިވެސް ނުރުހުމާއެކު ފާޅުކޮށްފައިވެ އެވެ. އެގޮތުން އައްޑޫ ރައްޔިތުން އެންމެ ގިނައިން ބުނާ އެއް ވާހަކައަކީ ކޮންމެ ސަރުކާރެއް އަޔަސް އައްޑޫ ތަރައްގީ ވެގެން ނުދާ ވާހަކައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައި ނުވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނާޒިލާއި ހިދަތޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.