ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މާދާމާގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބދުﷲ ޒިޔަތުގެ ހެކިބަސް ނަގާކަން އެނގިއްޖެއެވެ.

މާދަމާގެ ޝަރީއަތުގައި ހެކިބަސް ނެގުމަށް ނިމިދިޔަ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުވެސް ހާޒިރު ކުރާނެއެވެ.

މާދަމާ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް ނަގާނީ ދެ ހެކިވެރިންގެ ދޭތެރޭގައި 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދީފައިކަމަށް ވަނީ އެނގިފައެވެ. މާދަމާގެވެސް ފުރަތަމަ ހެއްކަކީ މުއައްވިޒެވެ. އަދި އަދީބާއި ޒިޔަތު ގެންނާނީ އޭގެ ފަހުން ކަމަށް 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މުއައްވިޒުގެ ހެކި ބަސް ނަގާފައި ވީ ނަމަވެސް މާދަމާގެ އަޑުއެހުމުގައި އޭނާ ޝަރީއަތަށް ހާޒިރު ކުރަނީ، އޭސީސީން ތައްޔާރުކޮށްފައިވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ނެގުމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ނުކުރެވުނީ ރައީސް ޔާމީނަށް އެ ބަޔާން ހަވާލު ކުރެވިފައި ނެތުމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މި ދެ އަޑުއެހުން ވެސް ޓީވީއިން ލައިވް ކޮށްފައި ވާއިރު، މާދަމާގެ ޝަރީއަތްވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ފައިސާގެ ހިޔާނާތް ކަމަށް ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެތައް ބަޔަކު ޝާމިލުވާކަމަށް ތަހުގީގު ރިޕޯޓުތަކުން ހާމަ ވި ނަމަވެސް، ޝަރީއަތް ހިނގަމުން ދަނީ ރައީސް ޔާމީނާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކުރަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެއް ފަރާތް ކަމުގައިވާ އެސްއޯއެފް ކުންފުނިން ރައީސް ޔާމީނުގެ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާ ކޮށްފައި އޮވެގެންނެވެ.

ކަރުދާހުން ފެންނަން ހުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. މި ފައިސާ 155 ފަރާތަކަށް ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.