ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރަޝިޕް އައު ކޮށް އިންސާނިއްޔަތަށްޓަކައި އެޖަމާއަތުން ދޭ ހިދުމަތްތަކުގައި މިއަހަރުވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ނިންމައިފިއެވެ.

މިއެއްބަސްވުމުގެ ރަސްމިއްޔާތު ވެގެން ދިޔައީ ވޯލްޑް ހުމަނިޓޭރިއަން ޑޭ އަދިދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތަކަށެވެ. ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބާޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. އަދި މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށްގެ ކޯޕަރޭޓް މެމްބަރަކަށްވެ، ދިރާގުންވަނީ ދިވެހި ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރުކަމަށާއި، މިމެމްބަރޝިޕްގެ ސަބަބުން ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާކަމެވެ.

"ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރު. މިމެމްބަރޝިޕްގެ ސަބަބުން ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދޭ"

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އިސްމާއިލް ރަޝީދު، ދިވެހި ރެޑް ކްރެސެންޓްގެ ޓީމަށާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ އަރިސް ކުރެއްވިއެވެ.

ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމައުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެއްކަމަށް ދިރާގުން ބުނެއެވެ. އަދި މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީއެއް ކަމަށާއި، މިމަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަމުގެ އެހީއާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް މިރޮނގުތަކުން ތަރައްޤީކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަަށް ދިރާގުން ބުނެއެވެ.

މި އަހަރު ތެރޭގައިވެސް ދިވެހި ރެޑް ކްރެސެންޓް އިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިނގާދިޔަ 11 އެއްހާ ކާރިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ މަގުސަދަކީ ހާލުގައިޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމެވެ.