ބ. ދަރަވަންދުއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދޭ ގޮތުގައި ވައިގެ މަގުން ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 27 އަހަރުގެ ފިރިހެނަކު ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހާ ހައްޔަރު ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ދަރަވަންދޫ އެއާޕޯޓުން ކަމަށް ފުލުހުން މައުލޫމަތް ދެއެވެ.

މި މީހަ ހުއްޓުވައި ބަލާ ފާާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަ ބަރު ޕެކެޓަކާއި، ފިލްމް ހުސްކުރި ދަޅެއް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަހަކަށް އައިސް ބޭރު ގައުމުތަކުންނާއި، ރާއްޖޭގެ އެކި ރަށްރަށަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރުންވަނީ އިތުރުވެފަ އެވެ.